
ރަޒީނައްތަ އެ އިން ގޮތަށް އުލްޔާއަށް ބަލަން އިނީއެވެ. ފޮތްދަބަހުގެ ބަރުކަމާއި، ބަނޑުހައިކަމުގެ އިހުސާސްވެފައި ހުރި ވަރުން އުލްޔާ ހުރީ އަވަހަށް ކޮޓަރިއަށް ދާންވެސް ބޭނުންވެފައެވެ. އެހެން ދުވަހު އޭނާ ސްކޫލުން އަންނަ ގޮތަށް ޔުނީފޯމް ބަދަލުކޮށްލައިގެން އައިސް ކަނީއެވެ. ދެން ނަމާދުކޮށް ގުރުއާން ކިޔަވަނީއެވެ. އެހެނަސް އެދުވަހު އެވަގުތު ގަޑީގެ ކަށި ހިނގަމުން ދިޔައިރު ގޭގައި އޭނާއާއެކު އޭނާގެ ބެލެނިވެރިއެއްގެ މަގާމުގައި ހުރި އަންހެންމީހާ އެކުޑަކުޑަ ކުއްޖާއަށް އެ ދެނީ ވަރުގަދަ އަދަބެކެވެ. މަޑުމަޑުން ވިރެމުންދިޔައީ ޅަ ހިތެކެވެ.
ސާއަތަކަށް ދެމިގެން ދިޔަހެން ހީވި ވަގުތުކޮޅު ނިމުމަކަށް އައީ ދޮރާށި ހުޅުވާފައި ސަލާމް ގޮވަމުން ވަދެގެން އައި ސަލްމާންގެ އަޑަށެވެ. އުލްޔާ އެނބުރި ބަލާލިއިރު އެއްކަލަ ސަކަ ކުއްޖާ ހުރީ ހެވިދިލިފައެވެ. އަތުގައި ތަށިބަރިއެއް އޮތެވެ. އުލްޔާއަށް ހިންދިރުވާލެވުނެވެ. ރަޒީނައްތައާ ދިމާލަށް ބަލާލުމުން ބޯޖަހާލި ގޮތުން އެބުނީ ދެން ދާށޭކަން އެނގުނެވެ. ވަގުތުން އޭނާ ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެތަނުން ދާން ހިނގައިގަތީ މައްޗަށް އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. އޭރު ރަޒީނައްތަގެ އަތަށް ސަލްމާން ދިން ތަށިބަރި ހުޅުވާލުމުން އޭގެން ދުވި މީރުވަސް މުޅިތާ ފެތުރިއްޖެއެވެ.
ކޮންމެ ހޮނިހިރު ދުވަހެއްގެ އިރާކޮޅު ރަޒީނައްތަގެ ދޮންތަ ރިންޒީ އެގެއަށް ތަށިބަރި ފޮނުވާނެއެވެ. އެއީ ފާއިތުވި ހަމަސްދުވަހުވެސް ބަދަލުނުވެ ހިނގަމުން އައި ކަމެކެވެ. އެގޭގައި އުލްޔާމެން ގިނައިން ކަނީ ގަރުދިޔައާއި ބަތެވެ. ތެލުލިމަހާއި ތެލުލި ފަތެވެ. ރިންޒީދައްތަ ފޮނުވާ ތަށިބަރިއަށް އުލްޔާއަށްވެސް އިންތިޒާރު ކުރެވެނީ އޭގައި ހުންނަ ތަފާތު މީރު ކާނާ އޭނާވެސް ކާހިތްވާތީއެވެ. ރަށުން އައި އިރު ހުރި ވަރަށްވުރެ އުލްޔާ ވަނީ ބޮޑުވެފައެވެ. އިސްކޮޅުން ދެމިލާ ރޫފަ ހެޔޮވެލާފައެވެ. މިހާރު އެއީ ބޮޑުކުއްޖެކެވެ. މަންމައާ މާމަގެ ބޭނުން އެންމެ ބޮޑުވި ދުވަހު ރަޒީނައްތަގެ އަޅާލުން އެދުވަސްވަރު އޭނާއަށް ލިބުނެވެ. އެކަމާ އުލްޔާ ޝުކުރުވެރިވެއެވެ. އެކަމަކު ހުރިހާ ކަމެއް މިހާރު އެވަނީ ބަދަލުވާން ފަށާފައެވެ. އޭނާ އެކަނި ރަޒީނައްތައާއެކު ހުރެގެން ހިނިތުންވުމާއެކު އަނގައިން ބުނެލުމަކީވެސް ހަމަ އެއްގޮތަކަށް ނުވާ ކަމަކަށް ވެއްޖެއެވެ.
އަވަސް އަވަސްކޮށްލައިގެން އުލްޔާ ތިރިއަށް ދިޔައިރު ކާމޭޒު ކައިރީ ސަލްމާންވެސް އިނީ އިށީނދެގެންނެވެ. ރަޒީނައްތައާ ދެމީހުން ތަށިބަރީގެ ބައިތައް ހުޅުވާލައިގެން ތިބެ އެކިވާހަކަ ދައްކަނީއެވެ. އުލްޔާ އެގެއަށް އައިތާ އާކޮޅުގައި ސަލްމާނު ހުއްޓާ ކާންވެސް އުލްޔާ ލަދުގަތެވެ. އެހެންނަމަވެސް މިހާރު އޭނާއާއި ސަލްމާން އެކުވެރި ވީ ފަހުން ދެމީހުން އެކީގައި ތިބެވެސް ކައި އުޅުން އެއީ އާންމު ކަމެކެވެ.
ރަޒީނައްތަ ގޮވާލި އަޑަށް އުލްޔާ ދިޔައީ ސިއްސައިގެންނެވެ. ސިޑިން ފޭބި ގޮތަށް އެމީހުންނަށް ބަލަން ގެއްލިފައި ހުރެވުނުކަން ރޭކާލީ ދެނެވެ.
'އުލްޔާ އާދެ އަވަހަށް ކާން.. ދޮންތަ މިހިރީ ބިރިޔާނީ ހަދާފަ. ސަޓަންޏާ ގުލާބުޖާމްވެސް މިހިރީ... މާން ބުނީ އުލްޔާއަށް ހާއްސަކޮންނޭ ގުލާބުޖާމު ހެދީ... މާން އަމިއްލައަށޯ ހެދީވެސް..' އެއް ލޯ މަރާލަމުން ރަޒީނައްތަ ބުނެލި ގޮތުން އުލްޔާއަށް ހެވުނެވެ. ކުރީގެ ހިތްހަމަނުޖެހުން އެއްކޮށް ފިލާދިޔައެވެ. އުލްޔާއަކީ މީހަކު އިހާނެތިކޮށް ކަންތައް ކުރިއަސް އެކަން ހިތުގައި ބާއްވާ ކަހަލަ ކުއްޖެއްނޫނެވެ. ބަދަލުގައި އެމީހަކު އޭނާއަށް ކޮށްދޭ ކުޑަކުޑަ ކަމަކުންވެސް ވަގުތުން އޭނާ އެމީހަކަށް މައާފު ކުރާނެއެވެ.
'މާން ހާދަ މޮޅޭ. އުލްޔާއަށް ރެސިޕީ ދޭތި އިނގޭ. ހުކުރު ދުވަހު މިގޭގަވެސް ތިޖާމޫއެއް ހަދަން..' އުލްޔާވެސް ވާހަކައިގައި ބައިވެރިވެލިއެވެ.
ދެއަތް ދޮވެގެން ޓިޝޫއަކުން އަތްހިއްކާލުމަށްފަހު ތަށި ނަގައި މޭޒުމަތީގައި ބަހައްޓާފައި ފެންބޯ ތައްޓަށް ފެން އަޅަން ފުރިޖުން އައިސްފެން ފުޅިއެއް ނަގަން އުލްޔާ ދިޔައެވެ. އޭނާ އެހާ އަވަހަށް އެނބުރި ކާމޭޒު ކައިރިއަށް އައި އިރު ނުލަފާ ހިންޏެއް އައިސްފައި ސަލްމާނު ހުރި ގޮތުން ކޮންމެވެސް ކަމެއް ހިންގާލީކަން އެނގުނެވެ.
އުލްޔާ ބަލާލިއިރު އޭނާގެ ތައްޓަށް ހުރީ ކާއެއްޗެހި އަޅާފައެވެ. ބިރިޔާނީއާއި ސަޓަނި އަދި ބޮޑު ރަތް މިރުހެއްވެސް ތަށި ތެރޭ އޮތެވެ. ސަލްމާން ހެވިފަ އެހުރީ އެހާ އަވަހަށް އެކަންތައް ކޮށްލެވުނީމައެވެ.
'ތެންކިއު... އުލްޔާ ވަރަށް ބަނޑުހައި..' އުލްޔާ އަވަހަށް ކާންފެށިއެވެ.
ރަޒީނައްތަ ކުއްލިއަކަށް އޯކާ ދެމެން ފެށިއެވެ. އަވަހަށް ތެދުވެގެން ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ. އުލްޔާ އިނީ ދެލޯ ބޮޑުވެފައެވެ. މާންވެސް އެދިމާލަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ.
'ހޫނ ހޫނ.. މަށަށް އެބަ އެނގޭ ވާން އުޅޭ ގޮތް... އުލްޔާއަށް ދޮންތަ ކިޔާ ކުއްޖެއް އަންނާނެ ވަރަށް އަވަހަށް...' އާދައިގެ ގޮތަކަށް މާން އެބުނި ވާހަކައިން އަނެއްކާ އުލްޔާ ހުއްޓުން އެރުން ނޫން ކަމެއް ނުވިއެވެ.
'ޔުސްކޮއްކޮ މާލެ އަންނަނީ؟ ކާކު ބުނީ؟ ރަޒީނައްތަ އެހެންވެތަ މޫޑް ކަޓާފަ އެހުންނަނީ؟ ބައްޕަ ތަ ބުނީ މާން ކައިރީ؟' އުލްޔާއަށް އެއްފަހަރާ ހަތަރު ސުވާލު ކުރެވުނީ ހައިރާންވިވަރުންނެވެ.
މާން ޗަކަޗަކަލާފައި ގޭގައި ރެނދުލާ ވަރަށް ހޭން ފެށިއެވެ. އުލްޔާ ކައިރިއަށް އައި ރުޅިން މާންގެ ކޮނޑުގައި ބޮނޑިއެއް އެޅުމުން ހުނުން މައިތިރިކޮށްފައި ދެ ލޯ ފޮހެން ފެށީ އަނެއްކާ ޑްރާމާވާން ވެގެންނެވެ.
'މޮޔަޔާ! ތިއްތަ ޕްރެގް. މައި މޮމް ކައިރީގަ އިއްޔެ ތިއްތަ ބުނި އިރު އެދެމީހުންނަކަށް ނޭނގެ މާން ގޮސް މޮމްގެ ރޫމް ބުޑުގަ ހުރި ކަމެއް... ޓޫ މަންތްސް ޕްރެގްނަންޓް... ވާއު! މާންއަށް އެބޭބީ ކިޔާނީ ކީކޭތަ؟ މާންބެ؟ އައްމާން؟ ކޮންމެވެސް މޮޔަ އެއްޗެއް ދޯ ކިޔާނީ؟' މާން އެހުރިހާ ހަބަރެއް ދިންއިރު އުލްޔާ އަނގަ ހުޅުވި ދެމިޔަކަނުން ސޮނި އޮހޭވަރު ވެއްޖެއެވެ.
ސުބުހާނަﷲ! މުޅި ގެއަށް އުފާވެރިކަން އަންނާނެ އެ ހަބަރުވެސް އޭނާއަށް މިދިނީ މާންއެވެ. ރަޒީނައްތަ އޭނާ ގާތު ބުނެލިނަމަ ކިހާ އުފާވެރިވީސް ހެއްޔެވެ. މިހާރު ދެން އެއޮތީ ބުޅާ ގޯނިން ބޭރުވެފައެވެ. ބައްޕައާއި ރަޒީނައްތަގެ ނުލާހިކު އަގުހުރި އުފާވެރި އެހަބަރު އޭނާއަށް އިއްވީތީ އޭނާ އަނެއްކާވެސް މާންއަށް ޝުކުރުވެރިވާން ޖެހުނީއެވެ.
'އަލްހަމްދުލިއްލާހި ޝުކުރު. ހުރިހާ ކަމަކަށް ﷲ ކުޅަދުންވަންތަ. ރަޒީނައްތަ ވަރަށް ފާޑަކަށް ހުންނާތީ އުލްޔާ މިހީކުރަނީ އުލްޔާ ދެކެ ހިތްހަމަ ނުޖެހިފަ ހުންނަނީ ކަމަށް.. ޕްރެގްވީމަ ވާގޮތް ދޯ އެއީ... މައި މޮމްވެސް ހުމާކޮއްކޮއަށް ޕްރެގް އިރު ވަރަށް މޫޑީވާނެ... ދެން އުލްޔާއަށް އެނގޭނެ ރަޒީނައްތައަށް ޓްރީޓް ކުރަން ވީ ގޮތް... އަނެއްކާވެސް މާންއަށް ތެންކިއު.. ގުޑް ފުޑް އެންޑް ހެޕީ ނިއުސް ލިބުނު ރެއެއް... އަލްހަމްދުލިއްލާހި.' އުލްޔާ ދިނީ ބޮޑު ތަގުރީރެކެވެ.
(ނުނިމޭ)




