
އަންނަ އޭޕްރީލް 4 ވަނަ ދުވަހު ނަގާ ލޯކަލް ކައުންސިލް އިންތިހާބު ގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ވޯޓާ އެކުގައި ރެފެރެންޑަމް ވޯޓު ވެސް ނެގުމަށް ތާވަލުކޮށްފައި ވާއިރު، އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
މި ރެފެރެންޑަމް ވޯޓުގެ ސުވާލުގައި ވަނީ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިފަދައިންނެވެ.
މި ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދީ، އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި މިއަދު ރެޖިސްޓްރީ ކޮށްފައި ވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިދިކޮޅު އެންމެބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ދެ ގާނޫނީވަކީލުން ކަމަށްވާ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.
އެ މައްސަލާގައި ބުނެފައިވަނީ، ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ އަދި އެ އިސްލާހުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ ކަމަށް ވީނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ އިންތިހާބުގެ ސުވާލުގައި އެބައި ނުހިމެނޭ ކަމަށެވެ.
އަދި ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ވެސް ކަންކަން ހިމަނާފައިވާކަމަށް އެ މައްސަލައިގައި ބުނެފައިވާއިރު، ރައީސް އޮފީހަށް ރައްދުވާ ގޮތަށް މިކަމާގުޅޭ ދެވަނަ މައްސަލައެއް ވެސް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު، ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.




