އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަދާލާތު ޕާޓީ
ދެ އިންތިހާބު އެކުގައި ބާއްވަން އަދާލަތު ޕާޓީން ތާއީދުކޮށްފި
މަރްޔަމް މުޙައްމަދު 18 މާރޗް 2026 (ބުދަ)   08:13
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވާކަން އަދާލަތުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި، އެ އިސްލާހަށް ތާއީދުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

މި އިސްލާހަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ހުށަހަޅާފައިވާ ބަދަލެކެވެ.

އަދާލަތު ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، 4 އެޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް އެ ޕާޓީން ނިންމީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރު ކުރުކޮށް، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނެގުމަށް ވަނީ އިއުލާން ކޮށްފައެވެ. ދެ އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުންނާއި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ކެމްޕޭން ކުރަމުން އަންނައިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ކެމްޕޭން ކުރަމުންދަނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.

އަދާލަތު ޕާޓީން މި ނިންމުން ނިންމިއިރު، ޖުމްހޫރީ ޕާޓީންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިންވެސް ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފެންނަ ނުފެންނަ ވޯޓުގައި "ފެންނަ" ކަމަށް ތާއީދު ކުރާކަމަށް އިއުލާން ކޮށްފައެވެ. 

ކޮމެންޓް