އެމްޑީޕީގެ ފަރާތުން ދައުލަތުގެ މީޑިއާގެ އިސްވެރިންނާ ބައްދަލުކުރަން އެ އިދާރާގައި.--
ދައުލަތުގެ މީޑިއާގެ ބޭއިންސާފާ ގުޅިގެން އެ އިދާރާއަށްގޮސް ވެރިންގެ އިސްތިއުފާއަށް ގޮވައިފި
ޖުނާން އަޙުމަދު 16 މާރޗް 2026 (ހޯމަ)   15:25
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ދިނުމަށް ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ހަމަހަމަ ފުރުސަތު ނުދީ ބޭއިންސާފުވެރިކަމާއެކު ކުރިއަށް ގެންދާތީ އެމްޑީޕީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އިދާރާއަށް ގޮސް ވެރިންގެ އިސްތިއުފާއަށް ގޮވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވާ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ތާއީދު ކުރަނީ ދެ އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށެވެ. ސަރުކާރުން ތާއީދުކުރަނީ ދެ އިންތިހާބު އެކުގައި ބާއްވަން ފެންނަ ކަމަށެވެ. އެކަމުގެ މައުލޫމާތު ދައުލަތުގެ މީޑިއާއިން އާންމު ކުރުމުގައި މުޅިންވެސް ފުރުސަތު ދެނީ ސަރުކާރުން ބޭނުންވާ ގޮތް ޕްރޮމޯޓް ކުރުމަށެވެ. އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއެކު އެ ޕާޓީގެ ބައެއް އެކްޓިވިސްޓުން މިއަދު ދައުލަތުގެ މީޑިއާއަށް ދިޔައީ އެ ކަންބޮޑުވުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނާވެސް ހިއްސާ ކުރުމަށް ފަހުއެވެ. އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިޔައީ ދުރާލާ ސިޓީވެސް ފޮނުވުމަށްފަހުއެވެ. އެ ސިޓީގައި އެމްޑީޕީން އެދިފައި އޮތީ ދައުލަތުގެ މީޑިއާ ހިންގެވުމާ ހަވާލުވެ ހުންނެވި، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބުއާ ބައްދަލު ކުރުމަށެވެ.

އެމްޑީޕީން ދިއުމުން ޕީއެސްއެމްއިން ވަނީ ޝަކީބު މާލޭގައި ނެތްކަމަށް ބުނެފައެވެ. އެހެންވެ އެމްޑީޕީން އެދުނީ ޕީއެސްއެމްގެ އިސް ބޭފުޅަކާ ބައްދަލު ކުރުމަށެވެ.

އެހެންނަމަވެސް ބަންދު ދުވަހެއްކަމަށް ބުނެ އެމްޑީޕީގެ ބޭފުޅުންނާ ބައްދަލު ކުރާނެ މީހަކު ހަމައެއް ނުޖެހުނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ޕީއެސްއެމް ޝަކީބުގެ އިސްތިއުފާ އަށާއި ރައީސް މުއިއްޒުގެ ވެސް އިސްތިއުފާއަށް ގޮވައި އެތަނުގައި ތިބެ އަޑުއުފުލައި އިހުތިޖާޖު ކޮށްފައެވެ.

ރައްޔިތުންނާ ގުޅިފައިވާ މުހިންމު ވޯޓެއް ކުރިމަތީގައި އޮތް އިރު، އެފަދަ ކަންކަމުގެ ފުރިހަމަ މައުލޫމާތު ހަމަހަމަކަމާއެކު ދިނުން ގާނޫނުން ދައުލަތުގެ މީޑިއާއަށް މަތިކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގާ ދައުލަތުގެ މީޑިއާ ފެންނަނީ ވަރަށް ބޮޑަށް ބޭއިންސާފުން ކަންކަން ކުރާތަން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ދައުލަތުގެ މީޑިއާއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް