ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް.- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
މޭޔަރު އާތިފަށް ޕީއެންސީ ސަޕޯޓަރުން ހުރަސް އެޅުމުން ފުލުހުން ހިމާޔަތް ދީފި
ޖުނާން އަޙުމަދު 18 މާރޗް 2026 (ބުދަ)   11:02
ކުޅުދުއްފުށީ ސިޓީ މޭޔަރު މުޙައްމަދު އާތިފުގެ ކާރަށް އެރަށު ޕީއެންސީ ސަޕޯޓަރުންތަކެއް ރޭ މެންދަމު މަގުމަތިން ދިމާކޮށް ހުރަސް އެޅުމުން ފުލުހުން ހިމާޔަތް ދީފި އެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މޭޔަރަށް ހިމާޔަތްދިނުމުގެ ގޮތުން، ފުލުހުންގެ ހިމާޔަތުގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވާ ކަމަށެވެ.

މައުލޫމާތު ޔަގީންކުރެވޭ މިންވަރުން، އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި މީހަކަށް އަނިޔާއެއް ވެފައިވާ ކަމެއް އަދި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ.

އާތިފު މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ އޭނާ ކާރުގައި މީހަކާ ބައްދަލުކުރުން ދަނިކޮށް ޕީއެންސީގެ މެންބަރުންތަކެއް ކާރު ވަށާލައި ހުރަސް އެޅި ކަމަށެވެ.

"މިފަދަ ނާތަހުޒީބު އަމަލުތައް ޕީއެންސީގެ މެންބަރުން އެ ކުރަނީ އިންތިހާބުން ބޮޑުތަނުން ބަލިވާނެކަން އެ މީހުންނަށް އެނގޭތީ." އާތިފް ވިދާޅުވެފައި ވެއެވެ.

މޭޔަރު އާތިފަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓްވެސް މެއެވެ.

އާތިފަށް ހުރަސްއެޅި ޕީއެންސީގެ މެންބަރުންގެ މައްސަލައެއް ބަލާކަންވެސް އަދި މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.  

ކޮމެންޓް