
އެގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވަނީ ޓިކލެޓު ކަށަވަރުކޮށްފައެވެ.
މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން، މާލެ ސިޓީގެ މޭޔަރުގެ ޕްރައިމަރީ އާދަމް އާޒިމް، އަލީ އާޒިމާ ވާދަކުރައްވާ 1،411 ވޯޓުން ޕްރައިމަރީ ކާމިޔާބުކުރެއްވި އިރު، އަލީ އާޒިމަށް ލިބުނީ 962 ވޯޓެވެ.
ތިނަދޫ ސިޓީގެ މޭޔަރު ޕްރައިމަރީ 462 ވޯޓުން ސައުދު ކާމިޔާބުކުރެއްވި އިރު، ދެން ވާދަކުރެއްވި އަހްމަދު ނަސީރަށް ލިބުނީ 417 ވޯޓެވެ. އަދި އައްޑޫ މޭޔަރު ކަމަށް އެމްޑީޕީން ނިޒާރު އެކަނި ކުރިމަތިލުމުން، އޭނާއަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވެފައި ވާއިރު، ފުވައްމުލައް މޭޔަރު ކަމަށް އެމްޑީޕީން ރަފީގު އެކަނި ކުރިމަތިލުމުން، އޭނާއަށް ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވެފައި ވެއެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ އެމްޑީޕީން ޓިކެޓަށް އާތިފް އެކަނި ކުރިމަތިލުމުން، އޭނާއަށް ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.
އަންނަ އެޕްރީލް 4، ގައި އޮންނަ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ހުޅުވާލާފަ އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލީ މިއަދުން ފެށިގެން ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.




