ފޯކައިދޫ ޕީއެންސީ ސްޓްއަރިން ކޮމެޓީގެ ރައީސް ޖައިލަމް އެމްޑީޕީއަށް ސޮއި ކުރެއްވުން.- ފޮޓޯ: އެމްޑީޕީ
ޕީއެންސީގެ ފޯކައިދޫ ސްޓްއަރިން ކޮމެޓީ ރައީސް އެމްޑީޕީއާ ގުޅިއްޖެ
ގައުމާއި ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންކަން ފެންހިފޭގޮތެއްގައި ކުރައްވާ އެކަންކަމުގެ ނަމޫނާ ދައްކަވާ ޕާޓީއަކީ އެމްޑީޕީ: ޖައިލަމް
ޖުނާން އަޙުމަދު 23 މާރޗް 2026 (ހޯމަ)   10:43
ޕީއެންސީގެ ށ.ފޯކައިދޫ ސްޓްއަރިން ކޮމެޓީ ރައީސް އަހުމަދު ޖައިލަމް އެމްޑީޕީ (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ) އާ ގުޅިވަޑައިގެންނެވުމަށް ނިންމަވާ އެ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

އެންމެބޮޑު އިދިކޮޅުޕާޓީ އެމްޑީޕީއަށް ޖައިލަމް ސޮއި ކުރެއްވީ، ކުރިއަށް މިއޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމަށްޓަކައި، އެމްޑީޕީން ށ.ފޯކައިދޫގައި ރޭ "ހޭވައްލާ ތައްޔާރު" މި ނަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއެކު އިއްޔެ ހަވީރު ފޯކައިދޫ އަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށާއި އެމްޑީޕީގެ ކެމްޕޭން ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ސިޔާސީ، އިސްލާހީ ގިނަ ހަރަކާތްތަކާއި ފޯކައިދޫގެ ތަރައްގީއަށްޓަކައި އިސްނަންގަވާ ގިނަ މަސައްކަތްތަކެއް ކުރައްވާ އެއް ބޭފުޅެއް ކަމައްވާ، ހާއްސަކޮށް މި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ފޯކައިދޫގައި ހަރަކާތެރިވާ އެންމެ އިސް އެއް ބޭފުޅެއް ކަމައްވާ، އެރަށު ޕީއެންސީ ސްޓިއަރިން ކޮމެޓީގެ ރައީސް އަހުމަދު ޖައިލަމް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީން ވަނީ ޖައިލަމް އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެގޮތުން ރޭގެ ޖަލްސާގައި ޖައިލަމް އަށް މަރުހަބާ ވިދާޅުވެ، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، ޖައިލަމް އެމްޑީޕީއާ ގުޅުމުން، ހާމަވެގެންދިޔައީ އެމްޑީޕީގެ ކައުންސިލަކުން ރަށުގެ ތަރައްގީއަށް ކޮށްދީފައިވާ މަސައްކަތް ރަށުގެ ރައްޔިތުން ބަލައިގަންނަމުންދާކަން ކަމަށެވެ.

އަދި އެމްޑީޕީ އާ އެކުގައި ގިނަބަޔަކު ގުޅިގެން މަސައްކަތްތައް ކޮށް، ކުރިއަށް އޮތް އިންތިހާބުތައް އެމްޑީޕީގެ ކެންޑިޑޭޓުން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

your imageފޯކައިދޫ ޕީއެންސީ ސްޓްއަރިން ކޮމެޓީގެ ރައީސް ޖައިލަމް އެމްޑީޕީއަށް ސޮއި ކުރެއްވުން - ފޮޓޯ: އެމްޑީޕީ

ރޭގެ ޖަލްސާގައި އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު، ޖައިލަމް ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުމަށް ނިންމެވީ، ރަށާއި އަތޮޅަށް އަދި ގައުމަށް ވެސް އެންމެފައިދާ ހުރި ގޮތަކީ އެމްޑީޕީއާ އެކުގައި ކުރިއަށްދިޔުން ކަމަށްވާތީ ކަމަށެވެ.

ސަބަބަކީ އެމްޑީޕީ އަކީ ގައުމާއި ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންކަން ފެންހިފޭގޮތެއްގައި ކުރައްވާ އެކަންކަމުގެ ނަމޫނާ ދައްކަވާ ޕާޓީއެއްކަމަށް ވާތީކަމަށް ވެސް ޖައިލަމް ވިދާޅުވިއެވެ.

ކޮމެންޓް