
މާލެ، ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކަކާއި ބީއެމްއެލް މެއިން ބްރާންޗް ސަރަހައްދުގައި ހުރި މާލެ ސިޓީ މޭޔަރު އާދަމް އާޒިމްގެ ބޮޑު ބިލްބޯޑެއް ނެގީ މިއަދު ހަވީރު އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެކެވެ.
އެތަކެތި ނެގީ އެތަކެތި އިތުރަށް ބޭނުންނުކުރެވޭނެ ގޮތަށް ގެއްލުންދީފައެވެ. މޭޔަރު އާޒިމްގެ ބޮޑު ބިލްބޯޑު ނެގީ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް، ބޭރުމަގުގައި ހުރި މި ބޮޑު އިޝްތިހާރު ނަގާފައިވަނީ ފްރޭމްގަނޑު އިރާލައިގެންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކެމްޕޭން ޕޯސްޓަރުތައް ނެގިޔަސް، ރައްޔިތުންގެ ހިތްތަކުގައި އޭނާއަށް އޮތް ލޯތްބާއި، ކޮށްދީފައިވާ ޚިދުމަތުގެ އަގު ނުފޮހެވޭނެ ކަމަށެވެ. "ޕޯސްޓަރުތައް ނެގިދާނެ، ރައްޔިތުންގެ ހިތުގައި އޮތް ލޯތްބެއް، ކޮށްދީފައިވާ ޚިދުމަތުގެ އަގެއް ނުފިލާނެ،" އެމްޓީސީސީގެ ސީއީއޯ ކަންވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވިއެވެ.
ބޭރުމަގުގައި ހުރި އެމްޑީޕީގެ ކެމްޕޭން ސާމާނުތައް ނަގާތީ، އެވަގުތު އެމްޑީޕީގެ ބައެއް ފަރާތްތަކުން ޝަކުވާ ކުރުމުން، ބައެއް ޕޯސްޓަރުތަކާއި ބެނާތައް ނެގުނީ އޮޅިގެން ކަމަށް އެމްޓީސީސީގެ ސުޕަވައިޒަރަކު ބުނިކަމަށް ވެއެވެ.
އެމްޓީސީސީން މޭޔަރުގެ ބޮޑު ބިލްބޯޑް ނެގީ މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް ބުނެފައިވާތީ، މޭޔަރު އާޒިމް ވިދާޅުވީ ތަރައްގީގެ މިފަދަ މަސައްކަތްތައް ކުރިއަށްގެންދާއިރު ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން، ތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށެވެ.
މޭޔަރު އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މަގު ފުޅާކުރުމުގެ މަސައްކަތް މިވަގުތު ތައްޔާރުވަމުންދަނީ ނަސަންދުރަ ކުރިމަތީ ސަރަހައްދުގައި ކަމަށްވާއިރު، މާދުރުގައި ބީއެމްއެލް ކުރިމަތީގައި ހުރި އެއްޗެއް ހަލާކުކޮށްލައިގެން ނެގުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ، ހުޅުމާލޭގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީ ނަގާފައެވެ. އެފަހަރު އެކަން ކުރުވީ އެޗްޑީސީގެ މުވައްޒަފުން ލައްވައެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.




