އެކްސިޑެންޓްގައި ލޯންޗަށް ލިބިފައިވާ ބައެއް ގެއްލުންތައް.-- ފޮޓޯ: ސޯޝަލްމީޑިއާ
އެމްޕީއެލްގެ ޓަގަކާއި ލޯންޗެއް ޖެހި، ލޯންޗަށް ބޮޑެތި ގެއްލުންތަކެއް
މަރްޔަމް މުޙައްމަދު 21 މާރޗް 2026 (ހޮނިހިރު)   15:25
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދު ބޭރުން އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަނުގެ އިތުރުން ތިން ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް، ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ލޯންޗަކީ ތ.އަތޮޅާ މާލެއާ ދެމެދު ފެރީގެ ގޮތުގައި ދަތުރު ކުރާ "މަހުމާ އެކްސްޕްރެސް" ނަމަކަށް ކިޔާ ލޯންޗެކެވެ.

އެކްސިޑެންޓް ހިނގީ އެ ލޯންޗް ތ.އަތޮޅުން މާލެއައިސް މީހުން ހުސްކުރުމަށްފަހު ޕެޓްރޯލް އަޅަން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މިހާދިސާ ހިނގިއިރު ލޯންޗްގައި ތިބީ ކެޕްޓަންއާއި ފަޅުވެރިން އެކަންޏެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުން ނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:39 އެހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް