ބަންޑުން ޖަހާލި ލޯންޗާއި ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ އިންޑިއާގެ މަޝްހޫރު ރެލީ ޑްރައިވަރު ހަރީ ސިންގް.--
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެކަކީ ހަރީ ސިންގް
އޭނާ ވަނީ އިންޑިއަން ނޭޝަނަލް ރެލީ ޗެމްޕިއަންޝިޕް 5 ފަހަރު ކާމިޔާބުކޮށް، ބައިނަލްއަގުވާމީ އެކި ރެލީ އިވެންޓްތަކުގައި އިންޑިއާ ތަމްސީލުކޮށްފައި
ފިޔެސް 23 މާރޗް 2026 (ހޯމަ)   11:10
ވ.ފުލިދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދެ މީހަކު ގެއްލިގެން ހޯދަމުންދާއިރު އޭގެތެރެއިން އެކަކަކީ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރު ހަރީ ސިންގް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގީ މިމަހުގެ 19 ދުވަހުގޭ ރޭ ދަންވަރު 1:15 ހާއިރު، އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާގެ 15 މިލިއަން ޑޮލަރުގެ އަގުބޮޑު ޔޮޓު، "ޓީޓީ އަޝޭނާ" ގައި ބޭނުންކުރާ "ސިނގިރޭޓު ރޭސިން" މަރުކާގެ ބާރު ސްޕީޑު ލޯންޗެއް ބަންޑުން ޖަހާލައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގީ ޔޮޓުގައި ޕާޓީކުރުމަށްފަހު ބާރު ސްޕީޑުގައި ރޭސް ޖަހަން އުޅުމުގެ ތެރޭގަ އެވެ. އެ ވަގުތު ލޯންޗު ދުއްވަން އިނީ ވެސް ރޭސިންއަށް ޝައުގުވެރިކަން ހުންނަ ބިލިއަނަރު ގޯތަމް އެވެ.

އެކްސިޑެންޓްވި ލޯންޗުގައި ގޯތަމްގެ އިތުރުން ހަ މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާގެ ދެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ ދެ މީހެކެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ ޓީޓީ އަޝޭނާގެ ޔޮޓުގެ ކެޕްޓަނެވެ. އަނެއް މީހަކީ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރު ހަރީ ސިންގް އެވެ.

ހަރީ ސިންގް އަކީ ކާކު؟

އުމުރުން 59 އަހަރުގެ ހަރީ ސިންގް އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރެލީ ޑްރައިވަރެވެ. އޭނާއަކީ އެ ގައުމުގެ މޮޓޯސްޕޯޓްސް ދާއިރާގައި ލެޖެންޑެއްގެ ގޮތުގައި ބަލާ މީހެކެވެ.

އޭނާ ވަނީ 1990 ގެ އަހަރުތަކުގައި ފަސް ފަހަރު އިންޑިއަން ނޭޝަނަލް ރެލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ބައިނަލްއަގުވާމީ އެކި ރެލީ އިވެންޓްތަކުގައި އިންޑިއާ ތަމްސީލުކޮށްފައެވެ. މީގެ އިތުރުން، ސިންގް ވަނީ އެންމެ ފުރަތަމަ ބޭއްވި އޭޝިއާ ޒޯން ރެލީ ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައެވެ.

އިންޑިއާގެ ޗަންދީގަޅަށް އުފަންވެ، އެ ސިޓީގައި ބޮޑުވި ސިންގް އަކީ، އުނދަގޫ މަގުތަކުގައި މަރުޓީ ސުޒުކީ ޖިޕްސީ ދުއްވުމަށް ހުރި ހުނަރުވެރިކަމުގެ ސަބަބުން، މޮޓޯސްޕޯޓްސްގެ ދާއިރާގައި ލޯތްބާއެކު "ފްލައިން ސިކް" އަދި "ޖިޕްސީ ކިންގް" ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ.

2015 ވަނަ އަހަރު ގޯއާގައި ބޭއްވި ފޯސް ގުރްކާ އާރުއެފްސީ އިންޑިއާ 2015 ގައި އޭނާއަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައެވެ.

ސިންގް އަކީ ޖޭކޭ ޓަޔަރ މޮޓޯސްޕޯޓްގެ ހެޑް އޮފް އޮޕަރޭޝަންސްގެ މަގާމު އަދާކުރި ފަރާތެކެވެ. މީގެ އިތުރުން، އޭނާ ވަނީ މާސިޑީޒް-ބެންޒް އިންޑިއާގެ ޗީފް އިންސްޓްރަކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދަން ދިވެހި ސިފައިން ހަރަކާތްތެރިވި ނަމަވެސް، އަދި މިހާތަނަށް އެމީހުން ހޯދިފައެއް ނުވެއެވެ. އެހެންކަމާއެކު އިންޑިއާގެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"30 ގަޑިއިރަށްވުރެ ގިނަ އިރު ވެފައިވާއިރު، އިންޑިއާގެ މޮޓޯސްޕޯޓްސްގެ އެންމެ އަގުހުރި އެއް ފަންނާނު އަދިވެސް ފެނިފައެއް ނުވެއެވެ. އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅޭ ސާފު ރަސްމީ ރިޕޯޓެއް ނެރެފައެއް ނުވެއެވެ. އަދި އެ ލޯންޗުގައި ލައިފް ޖެކެޓް ނެތް ކަމުގެ މައުލޫމާތު ވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ." އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

މި ހާދިސާގައި އެންމެ ބޮޑު އިހުމާލު ވީ ކަމުގެ ތުހުމަތު ގިނަބަޔަކު އަޅުވަމުންދަނީ ދުނިޔޭގެ އެންމެ ބޮޑު ފެބްރިކް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރ ގޯތަމް ސިންހާނިއާ އަށެވެ.

މި އެކްސިޑެންޓުގައި ގޯތަމް އަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އޭނާއަށް ފުލިދޫގައި ހުންނަ ވ.އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިންނަމަވެސް އެ ހޮސްޕިޓަލަށް އޭނާގެ މައުލޫމާތު ދިނުމަށް ދެކޮޅު ހެދިކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ހޮސްޕިޓަލުން އޭނާ ޔޮޓަށް ގެންގޮސް، މިމަހުގެ 20 ވަނަ ދުވަހު ވަނީ އިންޑިއާއަށް ގޮއްސައެވެ.

މި ހާދިސާގެ މާބޮޑު ތަފުސީލެއް ދިވެހި ފުލުހުން ދީފައި ނުވާއިރު، ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކު ވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ. އަދި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް އިންޑިއާގެ ފިރިހެނަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

މި ހާދިސާއާ ގުޅުވައި ގޯތަމް ޓެގްކޮށް އެކްސްގައި ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުންވެސް ކަން ހިނގި ގޮތް ސާފުކޮށް ބަޔާންކޮށް ރަސްމީ ބަޔާނެއް ނެރެން ޖެހޭ ކަމަށާއި އިންސާނިއްޔަތަށްޓަކައި އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް