
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައިވީ ނަމަވެސް ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު ދެން އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވެފައިވާއިރު މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ފެށުނު ފަހުން ރާއްޖޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު 29 ރުފިޔާއަށް އުފުލިފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުމަށްޓަކައި، މަސްވެރިންނަށް ފޯރުކޮށްދޭ ތެލާއި، މާލޭގެ ޕެޓްރޯލް ޝެޑްތަކުން އާންމުން ގަންނަ ތެޔޮ ހިމެނޭހެން، ސަރުކާރުން ދަނީ ތެލުގެ ސަބްސިޑީ ދެމުން ކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ، އެކަން އެގޮތުގައި ސަރުކާރުން ހިފަހައްޓަނީ، ބައެއް ދާއިރާތަކަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ތަކުލީފުތަކަށް ވިސްނައިގެން ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި، ރާއްޖެއަށް ދުވަހުން ދުވަހަށް ބޭނުންވާ ތެޔޮ، މާތްﷲގެ އިރާދަފުޅާއެކު މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ވިދާޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތެޔޮ ހިފައިގެން އިތުރު އުޅަނދުތައް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރި ކަމަށް ވިދާޅުވެ، ރާއްޖޭގައި ތެޔޮ ރައްކާކޮށްފައި ހުރި މިންވަރާ ގުޅޭގޮތުން ޒަމީރު ވިދާޅުވީ، އެސްޓީއޯގެ ތެޔޮ އުފުލާ ދެ ބޯޓުކަމަށްވާ 'ނިއޯން' އަދި 'އަލިމަސް' އިން ދާދި ފަހުން ތެޔޮ ބާލާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެކަން އެގޮތުގައި ކުރިއަށްގެންދެވޭނީ މިހާރު ރައްޔިތުންގެ ކުރިމަތީގައި މިއޮތް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ކަމަށް ރާއްޖޭގެ އިގުތިސޯދީ މަސްރަހު ދިރާސާކުރައްވާ ގިނަ ބޭފުޅުން ވިދާޅުވެއެވެ.
އަދި ހަމަ ރާއްޖެއާ އަވައްޓެރި ގައުމުތަކުން މިހާރު ވެސް ތެލުގެ އަގު ވަނީ ދެގުނައަށް ނުވަތަ ބައެއްގައުމުތަކުގައި އެއަށްވުރެ ވެސް މައްޗަށް އުފުލިފައި ކަން ފާހަގަކޮށްލެވެއެވެ.




