ހައިފާގައި ހުންނަ "ބަޒާން ގްރޫޕް" ގެ ފެސިލިޓީއަށް އިރާނުގެ ހަމަލާ އަމާޒުވެފައި - ފޮޓޯ: އޭޕީ
އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ކާރުހާނާއަށް އިރާނުގެ ހަމަލާތައް އަމާޒުވެ އެތަން ގޮވައިފި
ޖުނާން އަޙުމަދު 19 މާރޗް 2026 (ބުރާސްފަތި)   22:48
ޔަހޫދީ އިޒްރޭލާއި އެމެރިކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ކުރަމުން ގެންދާ ހަނގުރާމަ އިތުރަށް ހޫނުވެ، އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުހާނާއަށް އިރާނުން ވަރުގަދަ ހަމަލާތަކެއްދީ އެތަން ގޮއްވާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މި ބެލިސްޓިކް މިސައިލްތައް އަމާޒުވެފައިވަނީ ހައިފާ ބޭ ސަރަހައްދުގައި ހުންނަ އިޒްރޭލުގެ އެންމެބޮޑު ތެޔޮ ކާރުހާނާއަށެވެ.

ޔަހޫދީ "ބަޒާން ގްރޫޕް" ގެ މި ކާރުހާނާއަކީ އިޒްރޭލުގެ ހަކަތައިގެ ސަލާމަތަށް ނުހަނު މުހިންމު ތަނެއް ކަމަށާ، މިއީ އެ ގައުމަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް %50 އާއި %60 އާ ދެމެދުގެ މިންވަރެއް ފޯރުކޮށްދޭ އެ ގައުމުގެ ހަކަތައިގެ އެންމެ މުހިންމު އެއް މަރުކަޒުކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގައި އެ ކާރުހާނާގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އަލިފާނުގެ ބޮޑެތި ގޮވުންތަކެއް ގޮވާފައި ވާއިރު، މިހާތަނަށް އެއްވެސް މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެމެރިކާ އާއި ޔަހޫދީ އިސްރާއީލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގައި، އެ ގައުމުގެ ގޭސް ކާރުހާނާތަކަށް މީގެކުރިން ދިން ހަމަލާތަކަކާ ގުޅިގެން ވެސް ތެލާއި ގޭހުގެ އަގު ދުނިޔޭގެ ބާޒާރުގައި އަނެއްކާވެސް އުފުލިފައި ވާއިރު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 4.92 އިންސައްތައަށް އުފުލި، ފީފާއެއްގެ އަގު 108.51 ޑޮލަރަށް މިހާރު ވަނީ އަރާފައެވެ.

މި ހަމަލާ ދިނުމާ ގުޅިގެން އީރާނުން ވަނީ ޔޫއޭއީ އާއި ގަތަރު އަދި ސައުދީ އަރަބިއްޔާގެ ތެލާއި ގޭސް ކާރުހާނާތަކަށް ހަމަލާ އަމާޒު ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިއީ ތިން ހަފުތާ ކުރިން އިރާނަށް ދޭންފެށި ވައިގެ ހަމަލާތަކުގައި މިހާތަނަށް ހަމަލާ އަމާޒުވި އެންމެ ބޮޑު ހަކަތަ އުފައްދާ ސައިޓުކަމަށްވާއިރު، މި ހަމަލާތަކުން ދައްކުވައިދެނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފައްދާ ތަންތަނަށް ނުރައްކާ ވެފައިވާ މިންވަރުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން ސައުތު ޕާސް ގޭސް ފީލްޑާ ގުޅުން ހުރި ގިނަ އަދަދެއްގެ ފެސިލިޓީތަކަށް ގެއްލުން ލިބިފައިވާއިރު، އެ ގައުމުގެ ހަކަތައިގެ ސިނާއަތުގެ މައި މަރުކަޒު ކަމަށްވާ އަސަލުޔޭގައި ހުންނަ ތެލާއި ޕެޓްރޯކެމިކަލް ފެސިލިޓީތަކަށް ވެސް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ ތެލުގެ ވުޒާރާއާ ހަވާލާދީ، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެވެ.

ކޮމެންޓް