އީރާނުގެ ސަފީރު ޑރ. އަލީރޭޒާ ދެލްޚޯޝް އާއި ލަންކާގެ ރައީސް ޑިސާނާޔަކޭ - ފޮޓޯ: ރޮއިޓާޒް
ލަންކާއިން ބޭނުންވާނަމަ ތެލާއި ޒަރޫރީ ތަކެތި ފޯރުކޮށްދޭނެކަމަށް އިރާނުން ބުނެފި
ޖުނާން އަޙުމަދު 23 މާރޗް 2026 (ހޯމަ)   18:36
މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ ގައުމުތަކުން ތެލައް ޖެހެމުން އަންނަ މި ދަނޑިވަޅުގައި، ރާއްޖޭގެ އަވައްޓެރި ސްރީލަންކާއިން ބޭނުންވެގެން އެދިއްޖެ ނަމަ، އެ ގައުމަށް ބޭނުންވާ ތެލާއި އެހެނިހެން ވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ޔައްޔާރަށް އޮތްކަމަށް އިރާނުން ބުނެފިއެވެ.

ސްރީލަންކާއަށް އިރާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީރޭޒާ ދެލްޚޯޝް އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ، ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތުގައި ހޯމުޒް ކަނޑުއޮޅި ކަނޑައަޅާފައިވީ ނަމަވެސް، ލަންކާ ފަދަ އެކުވެރި ގައުމުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް، ކޮލަމްބޯގައި ހުންނަ އިރާން އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވިދާޅުވި ކަމަށެވެ.

އެހެންކަމުން ލަންކާއަށް ތެލުގެ ނުވަތަ ހަކަތައިގެ ދަތިކަމެއް އަދި މުދަލުގެ ދަތިކަމެއް ވިޔަސް ކުރިމަތިވެއްޖެ ހާލަތެއްގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި ކަމަަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަދި އިރާނަކީ ލަންކާގެ ގާތް އެކުވެރި ގައުމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ސަފީރު ވިދާޅުވީ، ލަންކާގެ ރައްޔިތުންނަކީ އިރާނުން ވަރަށް ބޮޑަށް އިހުތިރާމް ވެސް ކުރާ ބައެއްކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ލަންކާ ސަރުކާރުން ތެލުގެ އަގު 25 އިންސައްތަ ބޮޑުކޮށްފައި ވާއިރު، އެގައުމުން މިހާރުވެސް އަންނަނީ މި އަގުތައް އުފުލުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން ކަމަށާ، ހާއްސަކޮށް ގަލްފް ސަރަހައްދުގެ ނުތަނަވަސްކަމުގެ ސަބަބުން ލަންކާގެ ސައިފަތުގެ ސިނާއަތަށް ހަފުތާއަކު 10 މިލިއަން ޑޮލަރުގެ ގެއްލުންވަމުންދާ ކަމަށް އެގައުމުން ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓް