
މެންޗެސްޓާ ސިޓީން ނުވަ ފަހަރު ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ 10 ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ސިޓީ މިހާތަނަށް ލީގު ކަޕްގެ ފައިނަލްގައި 10 ފަހަރު ވާދަ ކޮށްފައި ވާއިރު، އެ ޓީމު ބަލި ވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1974ގަ އެވެ.
މެންޗެސްޓާ ސިޓީގެ މި ކާމިޔާބާ އެކު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވެފައިވަނީ، ލީގު ކަޕް ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ފުރަތަމަ ކޯޗަށެވެ. އޭނާގެ ފަހަތުން މި ލިސްޓުގައި އޮތީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކުރި ސާ އެލެކްސް ފާގަސަން އާއި ހޯޒޭ މޮރީނިއޯ އަދި ކުރީގެ ނޮޓްނަމް ފޮރެސްޓްގެ ލެޖެންޑަރީ ކޯޗު ބްރިއަން ކްލޯގް އެވެ. ތިން ކޯޗުން ވެސް ވަނީ ހަތަރު ފަހަރު ތަށި ހޯދައިފަ އެވެ. ފާގަސަން ހަތަރު ފަހަރު ވެސް ތަށި ހޯދީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެވެ. މޮރީނިއޯ ވަނީ ޗެލްސީއާ އެކު ތިން ފަހަރު އަދި ޔުނައިޓެޑާ އެކު އެއް ފަހަރު މި ތަށި އުފުލާލައިފަ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި ސިޓީން ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގައެވެ. އެ ގޮތުން، ސިޓީން ލީޑުނެގި ގޯލަކީ އާސެނަލްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ ހެދި ގޯހަކުން ސިޓީން ޖެހި ލަނޑެކެވެ. އެ ގޮތުން، މެޗުގެ 60 ވަނަ މިނިޓްގައި، އޭރިއާތެރެއިން ރަޔާން ޗާކީ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ކީޕަރު ކެޕާ އަތުގައި ޖެހިފައި، ކީޕަރުގެ ފަހަތަށް ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ، ޒުވާން ފުލްބެކް، ނިކޯ އޯރައިލީ ވަނީ ގޯލަށް ވައްދާލައިފަ އެވެ.
ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، އޯރައިލީ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މަޓެއުސް ނޫނޭޒް ނެގި ހުރަހަކުން އޭރިއާތެރެއިން ބޮލުން ގޯލަށް ފޮނުވާލައިގެން، އޯރައިލީ ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ހަތަރު ތަށި ހޯދުމުގެ ދޮރު ބަންދުވި ނަމަވެސް، އަދިވެސް އެ ޓީމަށް ތިން ތަށްޓާ އެކު، ސީޒަން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، އެ ޓީމު އޮތީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ.
އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާގެ ކެރިއަރުގައި، ފުރަތަމަ ފަހަރަށް ވެމްބްލީގައި މެޗަކުން ބަލިވިއިރު، 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފަހުން ތަށްޓެއް ހޯދަން އާސެނަލުން ކުރާ މަސައްކަތް ވަނީ ދިގުލައިފަ އެވެ. އާސެނަލުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1993 ވަނަ އަހަރުއެވެ.




