ރާއްޖޭގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމާއި، ސިންގަޕޫރުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމް ކުޅުނު މެޗްގެތެރެއިން - ފޮޓޯ: ސިންގަޕޫރު އެފްއޭ
ރާއްޖޭގެ ޒުވާން ޓީމުން ތާރީހީ މޮޅެއް
ޖުނާން އަޙުމަދު 9 މާރޗް 2026 (ހޯމަ)   17:15
ރާއްޖޭގެ 20 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން ފުޓުބޯޅައިގެ ތާރީހުގައި ސިންގަޕޫރުގެ 19 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ބަލިކޮށް ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

ސިންގަޕޫރުގެ ޗޯ ޗު ކަންގް ސްޓޭޑިއަމްގައި ކުޅުނު މި މެޗު 4-3 ގެ ނަތީޖާއަކުން ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްޒަމް ރަޝީދު އާއި އަލްހާން އަދި މުހައްމަދު އިލާން އިމްރާނާއި އީތަން ޒަކީ އެވެ.

މި މެޗް ކުޅެފައި މިވަނީ، ކުރިއަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރުގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕްގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ގޮތުގައެވެ.

މި މުބާރާތް ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި މޮޅަކީ މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށް، ރާއްޖެ ޓީމުގެ ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ މީޑިއާގައި ބުނެފައި ވެއެވެ.

އުރުބާނީ ބުނެފައިވާ ގޮތުގައި، މިމަހުގެ 7 އިން 11 އަށް ސިންގަޕޫރުގައި ކުރިއަށްދާ މި ޓްރޭނިން ކޭމްޕުގެ ތެރެއިން ކޯޗިން ސްޓާފުންނާއި ކުޅުންތެރިން އެކެއް އަނެކަކަށް ފަރިތަވެ، އެކުވެރިކަން އާލާވެގެންދާއިރު، މި ކޭމްޕަކީ މިއީ ރާއްޖެއަށް މުހިންމުކަން ބޮޑު ކޭމްޕެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި ކޭމްޕުގެ ތެރެއިން ސިންގަޕޫރުގެ ޒުވާން ޓީމާއެކު ދެ މެޗެއް ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުން ރާއްޖެ މިވަނީ މޮޅުވެފައެވެ. ދެން ދެވަނަ މެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ކޮމެންޓް