
އެގޮތުން، އިޒްރޭލްގެ އަސްކަރީ މަރުކަޒުތަކަށާއި، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ރޭ ދީފައި ވާއިރު، އިރާނުން މީގެ ކުރިން ވެސް ބުނެފައިވަނީ، އީރާނުގެ ކޮމާންޑަރުން ޝަހީދުކޮށްލާފައިވުމުން އެކަމުގެ ބަދަލުހިފުމަށް ރައްދުގައި ވަރުގަދަ ހަމަލާތަކެއް އެގައުމުން ދޭނެކަމަށެވެ.
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އަލަށް ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލު ސިފައިން ފިލައިގެން ތިބި ތަންތަނަށް މި އޮޕަރޭޝަނުގައި ވަނީ، އައިއާރުޖީސީގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ހަމަލާދީފައެވެ.
ޒަޔަނިސްޓު އިޒްރޭލާއި އެމެރިކާގެ ޓެރަރިސްޓް ފައުޖުތަކުގެ ހުރިހާ ހަރަކާތްތަކެއް އައިއާރުޖީސީގެ އިންޓެލިޖެންސް ނިޒާމުގެ ދަށުން މެދުނުކެނޑި ބަލަމުންދާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރަކާއެކުގައި އައިއާރުޖީސީން ރޭ ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިފައިން ފޮރުވިގެން ތިބި ނަމަވެސް، އެމީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ ކަމަށާ، އެކަމުގެ ސަބަބަކީ އައިއާރުޖީސީގެ އިންޓެލިޖެންސް ގާބިލުކަން މާ މަތީގައި ހުރުން ކަމަށް އެ ބަޔާނުގައި އައިއާރުޖީސީން ބުނެފައިވެއެވެ. އަދި ކުރިމަތިވާ ކޮންމެ އުދުވާނަކަށް ދޭ ރައްދު ހަމަލާތަކަކީ ސީދާ އަމާޒަށް އަރާނެ، ހުއްޓުވޭނެ ހަމަލާތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އައިއާރުޖީސީން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، މި ފަހަރުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޝަހީދުކޮށްލާފައިވާ އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުހައްމަދު ނައީނީ އާއި، ޝަހީދުކޮށްލާފައިވާ އިންޓެލިޖެންސް މިނިސްޓަރު ހުއްޖަތުލްއިސްލާމް އިސްމާއީލް ހަތީބް ފަދަ ބޭފުޅުންގެ ހަނދާނުގައި ކަމަށާ، އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން ދަމަހައްޓާނެ ކަމަށް ބުނެ، އުދުވާން ހިންގާ ފަރާތްތަކަށް ފިލައިގެން ތިބެވޭނެ އެއްވެސް ތަނެއް ނުވަތަ ރައްކާތެރިކަމެއް ނޯންނާނެ ކަމަށް އައިއާރުޖީސީގެ ބަޔާނުގައި ތަކުރާރުކޮށްފައި ވެއެވެ.
ޒަޔަނިސްޓުންނާއި އެމެރިކާގެ އުދުވާންތަކަށް ރައްދު ދީ، ބަދަލުހިފުމުގެ ގޮތުން ކުރިއަށްގެންދާ މި ހަމަލާތަކަކީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ކުރިއަށްގެންދާ ހަމަލާތަކެއްކަމަށް އިރާނުން ބުނެއެވެ.
މިއީ "އޯ ފާތިމާ އަލް-ޒަހްރާ" ގެ ނަމުގައި ކުރިއަށްގެންދިޔަ 75 ވަނަ ފިޔަވަހި ކަމަށްވާއިރު، މި "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" އަކީ އީރާނުގެ އިސްތިގުލާލު ދިފާއުކުރުމަށާއި، "އެކްސިސް އޮފް ރެސިސްޓެންސް" އަށް އެހީތެރިވުމަށް ކުރިއަށްގެންދާ ދެމެހެއްޓެނިވި ހަރަކާތެއް ކަމަށް ވެސް އިރާނުން ބުނެއެވެ.




