އިރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާ ކުރާނެ މަޝްވަރާއެއް ނޯންނާނެ: އީރާން
"މިއީ އިޒްރޭލާއި އެމެރިކާ ތާށިވެފައިވާ ވަޅުގަނޑުން ސަލާމަތްވުމަށް ދައްކަވަމުން ގެންދާ ދޮގު ވާހަކަތަކެއް"
ޖުނާން އަޙުމަދު 24 މާރޗް 2026 (އަންގާރަ)   17:10
ޔަހޫދީ އިސްރާއީލް އާއި ދުނިޔޭގެ އެންމެބޮޑު ބާރުކަމަށް އަމިއްލައަށް ދައުވާކުރާ އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކެއް އިރާނުގެ އިސްވެރިންނާއެކު ކުރެވެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށާ، ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއާ އެކުގައި ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް އިރާނުން ބުނެފިއެވެ.

އީރާނުގެ އިސްވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވެމުންދާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣާލިބާފީ ވިދާޅުވި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިކަމަށެވެ.

އެހެން ނަމަވެސް މިފަދަ ދޮގުވާހަކަ ތަކަކީ، ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔަހޫދީ ދައުލަތް ވެއްޓިފައިވާ ފުން ވަޅުގަނޑުން ސަލާމަތްވުމަށް ދައްކަވަމުން ގެންދާ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޣާލިބާފީ އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މެދުއިރުމަތީގައި ޔަހޫދީން ފަށާފައިވާ މި ހަނގުރާމަ މިހާރު ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައި ވާއިރު، އީރާނުގެ ހާރިޖިއްޔާއިން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން އެދޭ އެދުމާ ގުޅޭގޮތުން ބައެއް އެކުވެރި ގައުމުތަކުގެ ފަރާތުން މެސެޖުތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ތުރުކީވިލާތާއި ޕާކިސްތާން އަދި، މިސްރު ހިމެނޭ ކަމަށް ވެސް ހާރިޖިއްޔާއިން ބުނެފައި ވެއެވެ.

މި ހަނގުރާމައިގައި އިރާނުން ވަނީ، އެމެރިކާ އަދި އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން އެ ގައުމުތަކަށް ނިސްބަތްވާ ކުންފުނިތަކުގެ އާގުބޯޓުފަހަރަށް، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުނުކުރެވޭ ގޮތަށް ބަންދު ކޮށްފައެވެ.

އެ މަގު ބަންދުކުރުމާ ގުޅިގެން އެމެރިކާ އާއި އިޒްރޭލަށް ވެސް ބޮޑެތި ލޮޅުންތަކެއް އަރަމުން އައުމުގެ ސަބަބުން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި އެ ކަނޑުއޮޅި ނުހުޅުވައިފި ނަމަ އެކަމުގެ ބަދަލެއްގެ ގޮތުގައި އީރާންގެ ހަކަތައިގެ މަރުކަޒުތައް ސުންނާފަތި ކޮށްލައްވާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް