ސިޔާސީ މަގާމުތަކަށް އައްޔަނުކުރި ބައެއް ފަރާތްތައް.--
ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފައްދައި މީހުން ނަގައިފި
ފިޔެސް 24 މާރޗް 2026 (އަންގާރަ)   12:10
އިންތިހާބުތައް ބޯމަތިވެފައި ވަނިކޮށް، ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ދާކަން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އަލަށް ސިޔާސީ މަގާމުތައް ލިބުނު މުވައްޒަފުންނަށް ވަނީ މަރުހަބާ ކިޔާ ޕޯސްޓްތަކެއް، އެ މިނިސްޓްރީގެ އިންޓާނަލް ގްރޫޕެއްގައި އާންމު ކޮށްފައެވެ.

އެހެންނަމަވެސް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓްތަކުން އެނގޭގޮތުގައި ޔޫތު މިނިސްޓްރީއަށް މިފަހުންވެސް ވަނީ ސްޓޭޓް މިނިސްޓަރަކާއި 2 ޑެޕިއުޓީ މިނިސްޓަރުންނާއި 3 ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން އަދި 3  ޕޮލިޓިކަލް ޑައިރެކްޓަރުން ވައްދާފައެވެ. މިއީ މިހާރު އާންމުވެފައިވާ ޕޯސްޓްތަކުން ފެންނަންހުރި މައުލޫމާތެވެ. 

މި ޕޯސްޓްތަކާއެކު، ހިޔާލު ފާޅުކޮށްފައިވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ ސަރުކާރުން އިންތިހާބުތައް ކާމިޔާބުކުރުމަށް ވަޒީފާތައް ދިނުމުގެ ކުޑަ މިންވަރެއް ކަމަށެވެ. މިއަށްވުރެ މާގިނައިން އެކި މިނިސްޓްރީ ތަކުގެ ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާ ކަމަށާއި އެކަން އޮންނަނީ ސިއްރުކޮށްފައި ކަމަށެވެ. 

ރައީސް މުއިއްޒު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުންވެސް ވިދާޅުވީ، އިންތިހާބާ ގުޅިގެން މިސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއްވެސް ވަޒީފާއަކަށް މީހަކުވެސް ނުނަގާނެ ކަމަށެވެ. 

މިހާރުވެސް ސަރުކާރުގެ ކުންފުނިތަކުންވެސް ވަނީ ގިނަ އަދަދަކަށް ވަޒީފާތައް އިއުލާންކޮށްފައެވެ. ބައެއް ކުންފުނިތަކުން އިއުލާންކޮށްފައިވަނީ ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ކަމަށް ބުނެއެވެ. އެހެންނަމަވެސް ޕްރޮޖެކްޓްތައް ހިންގަން ތަކެތި ނެތި އަދި މަސައްކަތް ކުރިއަށް ނުދާއިރު، ވަޒީފާއަށް މީހުން ނަގަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ތަފްސީލު ހާމަކުރަމުން ނުގެންދެ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 3000 އާ ގާތްކުރާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރުމުން ސަރުކާރުން މިދިއަ އަހަރު އިއުލާނުކޮށްފައިވަނީ އޭރު ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމުގައެވެ. އެހެންނަމަވެސް މި މައުލޫމާތު ކަށަވަރުކުރެވޭނޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ. އެހެންނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މައުލޫމާތު އަދާހަމަ ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ކުރުން ހުއްޓައިލީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށި ފަހުންނެވެ.

ކޮމެންޓް