ރައީސް ޔާމީން ހއ.ދިއްދޫ އަށް ވަޑައިގެންނެވުން.- ފޮޓޯ: ހއ.އަތޮޅު ކައުންސިލް
ސާވޭގެ ނަތީޖާ ދައްކާގޮތުން އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ޔާމީން
މަރްޔަމް މުޙައްމަދު 17 ޖެނުއަރީ 2026 (ހޮނިހިރު)   17:04
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އާންމުންގެ މެދުގައި މިވަގުތު އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ އެންމެ ފަހުގެ އޮޕީނިއަން ސާވޭ އިން ދައްކައިފިއެވެ.

ބާނީ އިން ހެދި ދިރާސާގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނުވަތަ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ 6 ސިޔާސީ ލީޑަރުންގެ ސްކޯއެއް ދިނުމަށް އާންމުންގެ ގާތުގައި އަހައިގެން 10 ޕޮއިންޓްގެ ތެރެއިން ޔާމީނަށް 5.6 ޕޮއިންޓް ލިބުނެވެ.

ޔާމީންގެ އިތުރުން ދިރާސާގައި ދެން ހިމެނޭ ސިޔާސީ ލީޑަރުންނަކީ ރައީސް މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

މި ބޭފުޅުންނަށް ޕޮއިންޓް ލިބުނު ގޮތް ތިރީގައި މިވަނީ އެވެ.

  • އަބްދުﷲ ޔާމީން - 5.6 ޕޮއިންޓް
  • މުހައްމަދު މުއިއްޒު - 5.3 ޕޮއިންޓް
  • މުހައްމަދު ނަޝީދު - 4.9 ޕޮއިންޓް
  • އިބްރާހިމް މުހައްމަދު ސޯލިހު - 4.5 ޕޮއިންޓް
  • އަބްދުﷲ ޝާހިދު - 2.3 ޕޮއިންޓް
  • ފައްޔާޒް އިސްމާއިލް - 2.1 ޕޮއިންޓް

ބާނީގެ ދިރާސާއިން ދައްކާގޮތުގައި އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލީ ހަ ޕޮއިންޓާއެކު ޔާމީން އެވެ. އެ އުމުރުފުރާގެ ޒުވާނުންގެ މެދުގައި 5.9 ޕޮއިންޓާއެކު ދެވަނައަށް އެންމެ މަގުބޫލީ ސޯލިހެވެ. އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި މަގުބޫލު ނޫން ލީޑަރަކީ މުއިއްޒު އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 23، އިން ޑިސެމްބަރު 1، އާ ދެމެދު ބާނީން މި ދިރާސާގެ ސާވޭ ކުރިއަށްގެންދިޔައީ ފޯނު މެދުވެރިކޮށް ރެންޑަމްކޮށް މީހުންނަށް ގުޅައި އިންޓަވިއުކޮށްގެންނެވެ.

އެ ސާވޭގައި 391 މީހުން ބައިވެރިވެފައިވާއިރު، އެ އަދަދަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރު 95 ޕަސަންޓް ކޮންފިޑެންސް ލެވެލްގައި އަދި ފަސް ޕަސަންޓް މާޖިން އޮފް އެރާއަކާއެކު، ސްޓެޓިސްޓިކަލީ ސިގްނިފިކަންޓް ސާވޭއެއް ހަދަން ބޭނުންވާ އަދަދަށްވުރެ އިތުރު މިންވަރެއް ކަމަށް ބާނީން ބުންޏެވެ.

މުއިއްޒުގެ ސަރުކާރަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ މީހުންގެ މެދުގައި ދިރާސާކޮށް ބާނީން ކުރި ސާވޭއެއް މިދިޔަ މަހު 18، ގައި އާންމުކުރި އެވެ.

ނޮވެމްބަރު 23، އިން ޑިސެމްބަރު 1، ގެ ނިޔަލަށް ކުރިއަށްގެންދިޔަ ސާވޭއިން 62 ޕަސެންޓު މީހުން މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ.

ކޮމެންޓް