
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ފައްޔާޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން، އަޅުގަނޑުމެން އެންމެން ގުޅިގެން މެދުނުކެނޑި ދަނީ ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަމާ މެދު އިންޒާރުގެ ރަނގަބީލު ޖަހަމުން ކަމަށެވެ.
"ސަރުކާރުން ގައުމު ހިންގަމުންދާ ގޮތާއި؛ ބޭކާރު ހަރަދުތައް އިތުރުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވަޒީފާތައް މީގެ ކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރުކުރުމާއި، އަމިއްލަ ދާއިރާގެ ފުރުސަތުތައް ހަނިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްއެޅުމުގެ ސަބަބުން، މިހާރު ހިނގަމުންދާ އީރާނާއި އެމެރިކާގެ ހަނގުރާމަ ފަދަ ބޭރުގެ ލޮޅުމެއްގެ ސަބަބުން، ވަގުތުން ފިޔަވަޅު ނާޅައިފިނަމަ އިގްތިސާދު މުޅިން އިނދަޖެހިގެންދާނެ ފަދަ ނުރައްކާތެރި ހާލަތެއް ވަނީ އުފެދިފައެވެ." ފައްޔާޒު ލިޔުއްވާފައި ވެއެވެ.
ނަމަވެސް، އެކަންކަމަށް ތައްޔާރުވުމަށް ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން އެއްވެސް ވަރަކަށް އިޖާބަ ނުދޭކަން ފައްޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.
"އޭގެ ބަދަލުގައި، ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ މިފަދަ މުހިންމު މައްސަލައަކަށް ފުރަގަސްދީ، ސަރުކާރުން އިސްކަންދެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށެވެ."
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، މާލެ އާއި ރަށްރަށުގައި ތެލާއި ޕެޓްރޯލު ހޯދުމަށް ގިނަބަޔަކު ކިއު ހަދާފައިވާ ކަން ފާހަގަ ކުރައްވުމުގެ އިތުރުން ފައްޔާޒު ވިދާޅުވެފައިވަނީ ދަތުރުފަތުރުގެ އަގުތަކާއި ފިހާރަތަކުގައި ހުރި މުދަލުގެ އަގުތައް އުފުލިފައި ވާކަމަށެވެ.
"މިއަށްވުރެ މާ ބޮޑު އަދި ކަންބޮޑުވާންޖެހޭ މައްސަލައަކީ ފެނުގެ ދަތިކަމެވެ. އިރުވައި މޫސުން ބޯމަތިވެފައިވާއިރު، އަޅުގަނޑުމެންގެ ފެނުގެ ބޭނުންތަކަށް މުޅިންވެސް ބަރޯސާވަނީ ފެން އުފައްދާ ޕްލާންޓްތަކަށެވެ."
ފައްޔާޒު ގޮވާލައްވާފައި ވަނީ، ސަރުކާރުން މިހާރު އުޅެމުންދާ "ހުރިހާ ކަމެއް ރަނގަޅޭ" ބުނާ ކަހަލަ ކުށްހީތަކުން ބޭރުވެ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން އާންމުން ހޭލުންތެރިކުރުވައި، ބޭކާރު ހަރަދުތައް ކުޑަކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށެވެ.
އަދި މީގެ އިތުރުން، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ދައްކަން ޖެހޭކަން ފާހަގަ ކުރައްވައި، ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަންނަ ލޮޅުންތަކާއި އިންފްލޭޝަން ގޯސްވަމުންދާއިރު، މި ފައިސާ އަނބުރާ ދައްކާނެ ގޮތަކާ މެދު ސަރުކާރު އޮތީ ހިމޭނުންކަން ވަނީ ފާހަގަ ކުރައްވާފައެވެ.
"އަދި އެކަށީގެންވާ ރޭޓެއްގައި މިއަށް ރީ-ފައިނޭންސް ހޯދޭނެ ކަމުގެ އެއްވެސް އިތުބާރު ހުރި ނިޝާނެއް ނެތެވެ. މިއަދު އޮތް ބިރަކީ، ދަރަނި ނުދެއްކި "ޑިފޯލްޓް" ވިޔަނުދިނުމަށްޓަކައި، ސަރުކާރުން އެމް.އެމް.އޭ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ރާއްޖޭގެ ބޭންކުތަކުގެ ނާޖާއިޒު ފައިދާ ނަގައި، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުކޮށްލަފާނެ ކަމުގެ ބިރެވެ. މިއީ އެތައް އަހަރަކަށް ދެމިގެންދާނެ ގެއްލުމަކަށް ވެދާނެއެވެ."
ކުރީގެ އިކޮނޮމިކް މިނިސްޓަރު، ކަންބޮޑުވުން ފާޅުކުރައްވައި ލިޔުއްވި ލިޔުން ނިންމަވައިލައްވައިފަނީ، މިހާރުގެ ވެރިންނަށް ބުއްދި ދެއްވައި، ދިވެހި ރައްޔިތުން މި ނުރައްކާތެރި ހާލަތުން ސަލާމަތްކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.




