އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަދި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހީމް.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ތެލާއި ގޭހާއި ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ލިބޭނެ: ސައީދު
ފިޔެސް 22 މާރޗް 2026 (އާދީއްތަ)   07:22
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހާއި އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މާތްﷲގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ ނޮމިނޭޝަން އެރޭންޖްމެންޓުގެ ދަށުންނެވެ.

"މިގޮތުން މި ހަފުތާވެސް މިހާރުވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައެވެ. ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައެވެ." ސައީދު ވިދާޅުވެފައި ވެއެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގައި އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވިގޮތުގައި އެސްޓީއޯ އާއި ސަރުކާރުގެ އެ އިންތިޒާމުތަކަކީ، މި ހާލަތުގެ އަސަރު ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރާވަރު ވީހާވެސް ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅުގެ ނަތީޖާ އެވެ.

ކޮމެންޓް