ބާ ކައުންސިލުން އިންތިޒާމުކުރާ ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނެ ބޭފުޅުން.--
ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބާ ކައުންސިލުން ފޯރަމެއް ބާއްވަނީ
މަރްޔަމް މުޙައްމަދު 25 މާރޗް 2026 (ބުދަ)   06:55
ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން އަންނަ މަހު ބާއްވާ އާންމު ވޯޓާ ގުޅޭ ފޯރަމް އެއް ބާއްވަން ބާ ކައުންސިލުން ނިންމައިފި އެވެ.

މިމަހުގެ 28 ވާ ހޮނިހިރު ދުވަހު ހަވީރު ބާއްވާގޮތަށް އިންތިޒާމުކޮށްފައިވާ އެ ފޯރަމް އަޑުއެހުމަށް ވަންނަން ބޭނުންވާނަމަ ކުރިން ރެޖިސްޓާ ކުރަން ޖެހެއެވެ. އޮންލައިންކޮށް ރެޖިސްޓާ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު ރެޖިސްޓާ ކުރުމުގެ ސުންގަޑިއަކީ މާޗް 27 ވަނަ ދުވަހުގެ 11:45 އެވެ. މި ފޯރަމް ކުރިއަށްދާއިރު ލައިވް ކުރާނެ ކަމަށްވެސް ބާ ކައުންސިލުން ބުނެފައި ވެއެވެ.

އެ ފޯރަމްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝަކުރާއި ދިޔާނާ ސައީދު ވެސް ބައިވެރިވަޑައިގަންނަވައެވެ.

އާޒިމާ އާއި ދިޔާނާ އަކީ ގާނޫނުއަސާސީ އެލުވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ރައީސް މައުމޫން އައްޔަނުކުރެއްވި މެންބަރުންގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.

ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އާއި ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ގާނޫނީ ވަކީލް ޝާހީން ހަމީދު އަދި ގާނޫނީ ގިނަ ދިރާސާތަކެއް ކުރައްވާ ޑރ.ޝަމްސުލް ފަލާހެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު އެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެވެ.

އެ ވޯޓަށް ތާއިދުކޮށް ސަރުކާރުން ކެމްޕެއިން ކުރަމުންދާއިރު އިދިކޮޅު އެމްޑީޕީން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީން ވަނީ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވެސް ދުސްތޫރީ ދެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ގާނޫނީ ވަކީލުންތަކެއް ހުށަހެޅި އެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.

ކޮމެންޓް