އާ ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހީމް އިސްމާޢީލް (އިބްރާ)
ދެ އިންތިހާބު އެއްކޮށްލުމަކީ އިންތިގާލީ ހާލަތެއް ނެތި ކުރާ އިންތިގާލީ ކަމެއް
"މި ބަދަލު ގެނެސްފިނަމަ ގާނޫނުއަސާސީއިން ކަށަވަރުކުރި ހައްގުތައް ގެއްލި ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާ ވެސް ފުރޮޅުމުގެ މަގު ހުޅުވޭނޭ" - އިބްރާ
ޖުނާން އަޙުމަދު 25 މާރޗް 2026 (ބުދަ)   10:21
ދެ އިންތިހާބު އެއްކޮށްލުމަކީ އިންތިގާލީ ހާލަތެއް ނެތި ކުރާ އިންތިގާލީ ކަމެއް ކަމަށާ، މި ބަދަލު މި އޮތްގޮތަށް ގެނެސްފިނަމަ ގާނޫނުއަސާސީއިން ކަށަވަރުކުރި ހައްގުތައް ގެއްލި ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާ ވެސް މިގައުމު ފުރޮޅުމުގެ މަގު ހުޅުވޭނެކަމަށް، އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިބްރާގެ ފޭސްބުކުގައި ޕޯސްޓުކުރައްވާ ވިދާޅުވެފައި ވަނީ، ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބުކަމުގައިވާ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ، މިވަގުތަށް ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރުމަށް ކުރަންއުޅޭ ކަމެއް ކަމަށެވެ.

އެހެންކަމުން، ހެޔޮ ގޮތަކީ އެ އޮތް ގޮތަށް އެ ގާނޫނު ބާއްވައިގެން އެ ހިންގޭތޯ ބެލުން ކަމަށް ވިދާޅުވެ، އިބްރާ ވިދާޅުވީ، މިހާރު މި ކުރެވެނީ ސިޔާސީ ވަކި މަގުސަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިގާލީ ހާލަތެއް ނެތި އިންތިގާލީ ކަމެއް ކަމަށާ، އެހެން ނަމަވެސް ގާނޫނުއަސާސީ އެކަމަކަށް ތަނެއް ނުވެސް ދޭ ކަމަށެވެ.

މި ބަދަލު މި އޮތް ގޮތަށް ގެނެސްފިނަމަ ގާނޫނުއަސާސީއިން ކަށަވަރުކުރި ހައްގުތައް ގެއްލި ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާ ވެސް މި ގައުމު ފުރޮޅުމުގެ މަގު ހުޅުވޭނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ އިބްރާ ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލާފައި އޮތް ގޮތާއި މަގުސަދުތައް ރަނގަޅަށް ނޭނގިތިބެ، ނުވަތަ ނުބަލާތިބެ، ނުވަތަ އެނގިތިބެ ނުބައި ނިޔަތުގައި އިރުއިރުކޮޅާ އެކި ގޮތްގޮތަށް ތަންތަންކޮޅު ބަދަލުކުރާނަމަ ދިމާވާނީ ބޮޑެތި މައްސަލަތަކެއް ކަމަށެވެ.

އަދި މި ބަދަލު ގެނައި ނަމަވެސް، އެ ދެ އިންތިހާބު އެއް ދުވަހެއްގައި އަބަދު ބޭއްވޭނެ ގޮތެއް ނުވާނެ ކަމަށް ވިދާޅުވެ ސަބަބެއްކަމަށް އިބްރާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ 5 އަހަރު ކަމަށް ކަނޑައަޅާފައި ވީނަމަވެސް ބައެއް ހާލަތުގައި މަޖިލީހުގެ ދައުރު 6 އަހަރަށް ދިގުދެމިގެންދާނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތުމުން ކަމަށެވެ.

އެ ހާލަތުގައި ރައީސާއި މަޖިލީސް މެންބަރުން އެއް ދުވަހަކު ބާއްވާ އިންތިހާބަކުން 5 އަހަރަށް އިންތިހާބު ކޮށްފައި އޮއްވައި މަޖިލީހުގެ މުއްދަތު ހަ އަހަރަށް ދިގުދެމިގެން ދިޔައީމާ ރިޔާސީ އިންތިހާބު ފަސް އަހަރު ފަހުން ބޭއްވުން ލާޒިމުވާއިރު މަޖިލީހުގެ އިންތިހާބު ބާއްވޭނީ 6 އަހަރު ފަހުން ކަމަށް އިބްރާ ވިދާޅުވި އެވެ. އެއަށްފަހު ދެން އަނެއްކާވެސް އެ ދެ އިންތިހާބު އަބަދުވެސް އޮންނާނީ އެއް އަހަރުގެ ތަފާތަކާއެކު ކަމަށް އިބްރާ ފާހަގަކުރެއްވި އެވެ.

މީސްމީޑިއާގައި އިބްރާ ކުރެއްވި ޕޯސްޓު ނިންމަވާލައްވާފައި ވަނީ، މި އިސްލާހަށް ނޫނެކޭ ބުނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް، ގާނޫނުއަސާސީގެ ޑްރާފްޓް އެކުލެވި ކޮމިޓީގެ 283 ޖަލްސާގެ ތެރެއިން 282 ޖަލްސާގެ ރިއާސަތު ބެލެހެއްޓެވި ބޭފުޅެއްގެ ހައިސިއްޔަތުން އިލްތިމާސްކުރައްވާ ކަމަށާ، އެބޭފުޅާ ވެސް މިކަމާ ވަރަށް ފުންކޮށް ވިސްނެވުމަށްފަހު މި އިސްލާހަށް ވޯޓު ނުދެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް