ދައުލަތުގެ މުއައްޒަފުން ގިނަ އަދަދަކަށް ހާޒިރުވާ ވެލާނާ އޮފީސް އިމާރާތް
އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ އިސްލާހަށް އަމަލުކުރަން ފަށައިފި
މަރްޔަމް މުޙައްމަދު 25 މާރޗް 2026 (ބުދަ)   13:27
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވައިލި އާންމު ގަވާއިދަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ އެ އިސްލާހަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ވަޒީފާއިން މުސްކުޅިކުރުމަށްފަހުވެސް 'ރީ-އެމްޕްލޯއިމަންޓް' ނުވަތަ އަލުން ވަޒީފާ ދިނުމުގެ އުސޫލުން 75 އަހަރު ވަންދެން މަސައްކަތުގައި ދެމިތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގެނައި ބަދަލެއްކަމަށާ، މި ބަދަލުގެ ސަބަބުން، ދައުލަތުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ފަރާތްތަކުގެ ހުނަރާއި މައުލޫމާތުގެ ބޭނުންގައުމީ ފެންވަރުގައި އިތުރަށް ހިފުމުގެ މަގު ފަހިވެގެންދާނެކަމަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅަމުން އޭރު ބުނެފައި ވެއެވެ.

އަދި ސަރުކާރުގެ މި ނިންމުމަކީ ތަޖުރިބާކާރު މުވައްޒަފުންގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސަރުކާރުން ދެކެއެވެ.

އަލުން ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި، އުސޫލުތަކުގެ އިތުރުން ވަޒީފާ އަދާކުރުމުގައި އަމަލުކުރާނެ ގޮތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ މި އިސްލާހުގައި ވަނީ މި އާ ގަވާއިދު ތަންފީޒުކުރުމުގެ އެންމެހައި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމެންޓް