
މިހާރު ގާނޫނު އޮންނަނީ ދަރުފުޅުގެ އުމުރުން އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށެވެ.
މިކަމަށް ބަދަލުގެންނެވުމަށް އެދި، މަޑަވެލި ދާއިރާގެ މެމްބަރު، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ، މުހައްމަދު ޝަމީޒް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތް ހެދުމަށެވެ.
ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލު ގެންނަން މި އިސްލާހުގައި ހިމަނާފައި ވާއިރު، މިހާރުގެ ގާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް އެ ބިލުގައި ވަނީ، އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެއަށްވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިސްގެ ގޮތުގައި ދޭންޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށާ، އޭގެ އިތުރުން ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
ނަމަވެސް އެގޮތަށް އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ.




