ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
ސަލްމާގެ ވަޒީފާ އިޔާދަކޮށްފި
މަރްޔަމް މުޙައްމަދު 8 އޭޕްރީލް 2026 (ބުދަ)   18:26
މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ މެންބަރު، އަސްމާ ރަޝީދާއި ރައީސް މުއިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައި ވަނިކޮށް، މަގާމުން ވަކިކުރެއްވި އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފިއެވެ.

އަސްމާގެ ދަރިފުޅު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސަލްމާ މިދިޔަ ހޯމަ ދުވަހު ވަޒީފާއިން ވަކިކޮށްފައި ވާއިރު، ހާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ސަލްމާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ކެންސަލް ކަމަށް މިހާރު އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަސްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކުރިކަމުގެ ހަބަރުތަކެއް ފެތުރުނު ނަމަވެސް އޭނާ މަގާމުން ވަކިކުރިކަން ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅޭގޮތުން ރަސްމީ ބަހެއް ހޯދާލުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކަށް އެތައް ފަހަރަކު ގުޅައި މެސެޖު ކޮށްގެން ވެސް އެއްޗެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. މީގެ ކުރިން އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރާނަމަ ނުވަތަ އައްޔަން ކުރާނަމަ އިސްވެ އެ މައުލޫމާތު ސަރުކާރުތަކުން ފޯރުކޮށްދެއެވެ.

އެ ބޭފުޅުން ވަކިކޮށްފައި މިވަނީ ދާދި ފަހުން މީސް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަމަށް ވަރަށްބޮޑަށް ބެލެވެއެވެ.

އެ އޯޑިއޯގައި މެންބަރު އަސްމާ ވެސް ހިމެނޭހެން ދެ މީހަކު ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް