އަލީ ހުސައިން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ.--
ދެ އިންތިހާބު އެއްކޮށްލާ ބިލު ބާތިލު ވެފައިވާކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
އަޑުއެހުމެއް ނެތި ނިޔާ ކަނޑައެޅުން ގޯސް. ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އަކީ ފަނޑިޔާރެއް ނޫން: އަލީ ހުސައިން
ހަސަން އިބްރާހީމް 25 މާރޗް 2026 (ބުދަ)   16:53
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކުރި ބިލު ބާތިލުވެފައިވާ ކަމަށާއި އެ ބިލް ތަސްދީގުކުރަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އަލީ ހުސެއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު އެވެ. އޭނާގެ ނިންމުމުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބިލެއް ތަސްދީގު ކުރަން ނުވަތަ އަނބުރާ ފޮނުވާލަން ގާނޫނުއަސާސީ އިން ރައީސްއަށް ލިބިދޭ 15 ދުވަހުގެ މުއްދަތު ހަމަވެފައިވާތީ އެ ބިލު މިހާރު ބާތިލްވެފައިވާ ކަމަށެވެ.

ނަމަވެސް ރަޖިސްޓްރާ ވިދާޅުވީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީ އިން ދީފައިވާ 15 ދުވަހުގެ މުހުލަތަށް އަމަލު ކުރަންޖެހޭނީ އެ ބިލެއް ތަސްދީގު ނުކުރަން ރައީސް ނިންމަވާ ހާލަތްތަކުގައި އެކަނި ކަމަށެވެ.

ރަޖިސްޓްރާ ވިދާޅުވެފައިވާ ގޮތުގައި، މައުލޫގައި ހިމެނޭ ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކެޓަގަރީގެ ބިލެކެވެ. އެހެންކަމުން އެ ބިލަށް 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ވެސް ރަޖިސްޓްރާ ވިދާޅުވެފައިވެ އެވެ.

ރަޖިސްޓްރާގެ ނިންމުން އެކްސްގައި ހިއްސާ ކުރައްވައި އަލީ ހުސައިން ވިދާޅުވެފައިވަނީ "އަޑުއެހުމެއް ނެތި ނިޔާ ކަނޑައެޅުން ގޯސް. ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އަކީ ފަނޑިޔާރެއް ނޫން." ކަމަށެވެ.

އަލީ ހުސެއިން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލިއިރު، ރިފަރެންޑަމް ހުއްޓުވަން ވަކީލު އައިކު އަހުމަދު އީސާ އާއި އިބްރާހިމް ޝިޔާމް ހުށަހެޅި މައްސަލަ ބަލައިގަނެ ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގޯސް ކަމަށެވެ.

އެ ސުވާލުގައި އަހަނީ ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ތަސްދީގު ކުރަން ފެނޭތޯ އެވެ. އައިކު އާއި ޝިޔާމް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ބިލެއް ތަސްދީގު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ރިފަރެންޑަމުގައި ނޭހޭނެ ކަމަށެވެ. ރަނގަޅު ގޮތަކީ ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ އެހުން ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ ށ. އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026، ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" އެ މައްސަލައިގެ ދައުވާ ފޯމުގައި ބުނެފައިވެ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:15 ގައި ބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު ތާވަލުކޮށްފަ އެވެ.

ކޮމެންޓް