
އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން، ރައީސް މުއިއްޒު ނެރުނު ރިޔާސީ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 4 ވަނަ ފަހަރަށް އިސްލާހުކޮށް، 11 މާރިޗުގައި ކޯޓަށް ފޮނުވި ކަމަށާ، އަދި ކޯޓަށް އެ ފޯމު ލިބިފައިވާކަމަށް ހޯމަ ދުވަހު އެންގި ކަމަށް މައުރޫފް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ސިވިލް ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް އަލީ ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހުށަހަޅާފައިވާ ފޯމާ އެކު މައްސަލަ ހައްލުކުރުމަށް އެދި އިދާރާއަށް ހުށަހަޅާފައިވާ އެއްވެސް ޝަކުވާއެއް ނުވަތަ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އިދާރީ އެއްވެސް ނިންމުމެއް ނިންމާފައިވާކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންކަމުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަވެފައި ނުވާތީ، މިއީ މިހާރު ހުށަހަޅާފައިވާ ގޮތަށް ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން އޮތް ދައުވާފޯމެއް ނޫންކަމުގައި ނިންމާ ކަމަށް އަބްދުއްސަލާމް އަލީ ވަނީ އަންގާފައެވެ.
މައުރޫފް ވިދާޅުވީ، ފޯމު ބަލައިގަނެވެން ނެތް ސަބަބަކަށް ބުނެފައި އޮތީ އެ މައްސަލަ ހައްލުކުރަން އެމްޑީޕީން ކުރި ކަމެއް ބަޔާންކޮށްފައި ނެތުން ކަމަށް ވާއިރު، އެ މައްސަލައިގެ ފޯމު 5 ވަނަ ފަހަރަށް އިސްލާހުކޮށްފައި ފޮނުވިފަހުން، މައްސަލަ ބަލައިގަނެވެން ނެތްކަމަށް އަންގާފައިވާ އެ ސަބަބަކީ މީގެ ކުރިން އެއްވެސް ވަރަކަށް އެބޭފުޅުން ފާހަގަކުރެއްވި ކަމެއް ނޫން ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުނީމައި، އޭގެ ޝަކުވާ ހިފައިގެން ދާނެ އެއްވެސް މުއައްސަސާއެއް ނުވަތަ އެކަން ހައްލުކުރަން މަސައްކަތްކުރާނެ އެއްވެސް ޤާނޫނީ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ މައުރޫފް ވިދާޅުވީ، އެކަމުގެ ސައްހަކަން ކަނޑައަޅަން ދާން ޖެހެނީ ވެސް ކޯޓަށް ކަމަށާ، ކޯޓަށް ހުށަހެޅުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން ކަމަށެވެ.
އަންނަ އޭޕްރީލް 4 ވަނަ ދުވަހު ނަގާ ލޯކަލް ކައުންސިލް އިންތިހާބު ގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ވޯޓާ އެކުގައި ރެފެރެންޑަމް ވޯޓު ވެސް ނެގުމަށް ތާވަލުކޮށްފައި ވާއިރު، އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
މި ރެފެރެންޑަމް ވޯޓުގެ ސުވާލުގައި ވަނީ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިފަދައިންނެވެ.




