
މިހާރު ހިނގަމުންމިދާ ހަނގުރާމައިގެ ހާލަތާ ގުޅިގެން އަވައްޓެރި އެހެނިހެން ގައުމުތަކެކޭ އެއްފަދައިން، ހަރަދުކުޑަ ކުރުމުގެ ފިޔަވަޅުތައް ރާއްޖެއިން ނާޅާތީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަކުން ދަނިކޮށް، ރައީސްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާ މެދުގައި ފިނޭންސް މިނިސްޓްރީގެ ޓީމަކުން މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކުރެވޭނެ ދާއިރާތައް މިހާރު ބަލަމުން އަންނަކަމަށް ވިދާޅުވެ ޒަމީރު ވިދާޅުވީ، ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ ކަމަށެވެ.
"މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ ޓޯޓަލް ފައިނޭންސިން އެވެއިލަބަލް ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ. އެހެންވީމަ އެ ގޮތަށް ބަލާފައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން" - މޫސާ ޒަމީރު
މި ހަނގުރާމައިގާ ދައުލަތުގެ ކޭޝް ފްލޯއަށް އަސަރުތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެ ޒަމީރު ވިދާޅުވީ، އެހެންކަމުން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ އެ ކަމަށް ސަމާލުކަން ބަހައްޓައިގެން ކަމަށެވެ.
އޭގެތެރޭގައި، ބޭރަށް ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލައި، ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ކުރަން ނޫނީ ހުއްދަ ނުދޭކަމަށާ، އޮންލައިންކޮށް ކަންކަން ހަމަޖައްސަން ސަރުކާރަށް މަޝްވަރާ ދެމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ހަނގުރާމަ ހުއްޓާލި ކަމަށްވީ ނަމަވެސް އާންމު ހާލަތަކަށް ދިޔުމަށްޓަކައި، އެންމެ މަދުވެގެން ވެސް ހަތަރު މަސް ނަގާނެ ކަމަށް ވިދާޅުވެ، ޒަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ރައީސަށް ހުށަހަޅާ ޕްލޭނަކީ ފަހަރުގައި އާންމު ކުރެވިދާނެ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މުހިންމު ކަންކަން ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.




