މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިގުތިސާދީ ގޮތުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކުންފުނިތަކަށް ޕީސީބީ (ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު) އިން އަންގައިފިއެވެ.
މިކަމާ ގުޅޭ ގޮތުން، ޕީސީބީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ މާރިޗު މަހުގެ 30 ގައި ވެސް އަންގާފައިވެއެވެ.
އޭގެ އިތުރުން ވެސް އެޅުމަށް، މިފަހަރުގެ ސާކިއުލާގައި ޕީސީބީން ބުނެފައިވާ ފިޔަވަޅު ތަކަކީ:
- މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މި ވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްކަމުގައިވީ ނަމަވެސް ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކޮންމެހެން ކުރިއަށް ގެންދިއުމަށް ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުއައްޒަފުން މަގާމުތަކަށް ނުނެގުން.
- އިގްތިސޯދީ ހިރާސްތަކަށް ރިއާޔަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ، ދެމެހެއްޓެނިވި ގޮތަކަށް މެނޭޖުކުރުމާއި މުވައްޒަފުންގެ މުސާރައިގެ ޚަރަދުތައް މެނޭޖްކުރުމުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
- ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ކުންފުނިން ނުކުރާކަން ޔަގީންކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
- މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އިގްތިސޯދަށް ކުރާނެ އަސަރުތައް ދިރާސާކޮށް ފިޔަވަޅު އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން.
- ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި އަދި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން.
މާރިޗު 30 ގައި ޕީސީބީން ނެރުނު ސާކިއުލާގައި ހަރަދުކުޑަކުރުމަށް ހިމަނާފައިވާ ކަންކަން:
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުން.
- ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ކަސްތަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން.
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކުލާހުން ދަތުރުނުކުރުން.
- ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުންދޭ ދަތުރުތަކުގައި ކުންފުނިންކުރާ ޚަރަދު ވީހާވެސް ކުޑަކުރުން.
- ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިން ދަތުރުތައް މިވަގުތައް ހުއްޓާލައި އެފަދަ ޕްރޮގްރާމުތަކުގައި އޮންލައިންކޮށް ބައިވެރިވުން.
ޕީސީބީގެ އިތުރުން ވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ވެސް ސަރުކާރަށް އަންގާފައިވާއިރު، ޕީޖީ އޮފީހާއި ސަރުކާރުގެ މަސް ކުންފުނި މިފްކޯ ފަދަ ތަންތަނުން ވެސް ދަނީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސާކިއުލާ ނެރުމުގެ ކުރިން، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އިންހާބު ނިންމުމަށްފަހު އަޅާނެ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް ނޯންނާނެ ކަމަށެވެ.