ރާއްޖޭގެ ފަރާތުން އދ. ގައި ބަޔާން އިއްވަނީ.--
އީރާނުން ދިފާއުގައި ދެމުން އަންނަ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި
ހަސަން އިބްރާހީމް 25 މާރޗް 2026 (ބުދަ)   22:49
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ބޮން އަޅައި ފެށި ހަނގުރާމައިގައި އަމިއްލަ ދިފާއުގައި އީރާނުން ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖޭން ވާހަކަ ދައްކައިފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ވަނަ ސެޝަންގެ 44 ވަނަ ބައްދަލުވުމުގައި ވަނީ އީރާނުން ބަހުރެއިން، ޖޯޑަން، ކުވެއިތު، ގަތަރު، އޮމާން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއަށް ދޭ ހަމަލާތަކާ ގުޅިގެން ހުށަހަޅާފައިވާ ގަރާރެއްގެ ބަހުސް ކުރިއަށްގެންގޮސްފަ އެވެ. ރާއްޖޭން އޮތީ އެ ގަރާރު ކޯސްޕޮންސާ ކޮށްފައެވެ.

ރާއްޖޭގެ ފަރާތުން އެ ބަހުސްގައި ވާހަކަ ދެއްކެވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު އެވެ.

އާންމު މީހުންނާއި އާންމުން ބޭނުންކުރާ ތަންތަނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށާއި އީރާނުން ދެމުން އަންނަ ހަމަލާތައް ދިވެހި ސަރުކާރުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށް އޭނާ ހާމަކުރެއްވި އެވެ.

މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށާއި ދުނިޔޭގެ އިގުތިސޯދަށް އަސަރުކުރަމުންދާ ކަމަށް ރާއްޖޭން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ފަރާތުން އިއްވި ކުރު ބަޔާނުގައި އިޒްރޭލު އަދި އެމެރިކާގެ ނަމެއް ވެސް ގެނެސްފައެއް ނުވެއެވެ. އިޒްރޭލުން އަންނަނީ މިހާރުވެސް ފަލަސްތީނު، ލުބުނާން އަދި ސީރިއާއަށް ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގެ ވާހަކައެއް ދިވެހި ސަރުކާރުން ގެނެސްފައެއް ނުވެއެވެ.

އެހެން ނަމަވެސް، މިއަދު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ވަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ބަޔާނުގައި ވެސް ފުރަތަމަ ކުށްވެރިކޮށްފައި އޮތީ އީރާނެވެ.

ކޮމެންޓް