ނަތަންޔާހޫގެ ތަރުޖަމާނު ޒިވް އަގްމޮން - ފޮޓޯ: އަސްރާއީލީ ނިއުސް
ނަތަންޔާހޫގެ ތަރުޖަމާނު އިސްތިއުފާދީފި
އޭނާ އިސްތިއުފާދިނީ، ނަތަންޔާހޫއަށް އޭނާ ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އޯޑިއޯތަކެއް ލީކުވުމުން
ޖުނާން އަޙުމަދު 26 މާރޗް 2026 (ބުރާސްފަތި)   10:52
ޔަހޫދީ ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަލާމާތްކޮށް، ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން، ނަތަންޔާހޫގެ އޮފީހުގެ ތަރުޖަމާނު އެ މަގާމުން އިސްތިއުފާދީފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ހިނގަމުންދާ ހަނގުރާމައާއި އެހެނިހެން މައިދާންތަކުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަތަކާމެދު އާންމުންގެ ނުރުހުން އަމާޒުވެ، ނަތަންޔާހޫގެ ސަރުކާރަށް އެތެރޭގެ ޕްރެޝަރުތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ތަރުޖަމާނު ޒިވް އަގްމޮން އިސްތިއުފާދިނީ، ނަތަންޔާހޫ އަށާއި، ނަތަންޔާހޫގެ އާއިލާއަށާއި، އެ ގައުމުގެ ކަނާތުފިޔައިގެ ސަރުކާރަށް އޭނާ ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އޯޑިއޯ ރެކޯޑިންތަކެއް އާންމުވުމާ ގުޅިގެންނެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ފެއިލްވި ފެއިލްވުމުގެ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ ކަމަށާ، އެ ބޮޑު ހާދިސާއަށްފަހު ނަތަންޔާހޫ ސިޔާސީ މައިދާނާ ދުރަށްދާންޖެހޭނެކަމަށް ވެސް ބުރާސްފަތި ދުވަހު އާންމުވި، އެ ރެކޯޑިންތަކުގައި އަގްމޮން ބުނެފައިވެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ ސަރުކާރުގެ މުސްތަޤުބަލް، ނަތަންޔާހޫގެ އަމިއްލަ ސިޔާސީ ދިރުމާ ގުޅުވައިގެން އުޅޭތީ އެކަމަށްވެސް އޭނާ ފާޑުކިޔާފައިވެއެވެ. 

އަދި ނަތަންޔާހޫގެ ސިޔާސީ ހަޔާތް މިހާރު އެއްކޮށް ނިމުމަކަށް އައިސްފައިވާކަމަށާ، އޭނާއަކީ މިހާރު "މުސްކުޅިއެއް" ކަމަށާ، އޮކްޓޯބަރު 7 ގެ ހާދިސާއަށްފަހު ނަތަންޔާހޫގެ ދުވަސް ގޮއްސި ކަމަށް ވެސް އެ އޯޑިއޯތަކުގައި އަގްމޮން ވަނީ ބުނެފައެވެ.

އަގްމޮން އިސްތިއުފާދީފައިމިވަނީ، ނަތަންޔާހޫގެ އެހެން ތަރުޖަމާނެއް ކަމަށްވާ އޮމަރ ދޮސްތްރީ އިސްތިއުފާދިންތާ އަހަރެއްވެސް ނުވަނީސް ކަމަށް ވާއިރު، އޮމަރ ދޮސްތްރީ އިސްތިއުފާ ދިނީ ނަތަންޔާހޫގެ އަނބިމީހާ ސާރާ ނަތަންޔާހޫ އާ އުފެދުނު މައްސަލަތަކަކާ ގުޅިގެން ކަފަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަގްމޮން އިސްތިއުފާދިން ސީދާ ވަގުތެއް އަދި ނަތަންޔާހޫގެ އޮފީހުގެ ރަސްމީ ބަހެއްވެސް ހާމަކޮށްފައި މިހާތަނަށް ނުވާއިރު، ސިޔާސީ ގޮތުން ނަތަންޔާހޫއަށް ބޮޑެތި ފިއްތުންތަކެއް، މި އޯޑިއޯތައް ލީކުވުމާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް