ޑރ.ހަސަން ހަމީދު.-- ފޮޓޯ: ގައުމީ ޔުނިވާސިޓީ
ޑރ.ހަސަން ހަމީދުގެ ގަލަމުން: ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާހުރި ކަމެއްނޫން
ފިޔެސް 26 މާރޗް 2026 (ބުރާސްފަތި)   08:58
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާހުރި ކަމެއްނޫން ކަމަށް ޤައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ.ޙަސަން ޙަމީދު ފާހަގަކުރައްވައެވެ.

ސިޔާސީ ވަކި ފިކުރަކަށް ބުރަނުވެ، އިލްމީ ދިރާސާ ތަކަށް ބިނާކުރައްވައި އެކި ކަންކަމުގައި ޚިޔާލު ފާޅުކުރައްވައި ޑރ.ޙަސަން ޙަމީދު އޭނާގެ ވެބްސައިޓްގައި އާންމުކުރެއްވި ލިޔުމުގައި ދެ އިންތިހާބު އެއްކުރުމުން ވާނެ ފައިދާތަކާއި ގެއްލުމުގެ މައްޗަށް ބައްލަވައިލައްވާފައި ވެއެވެ.

ޑރ.ޙަސަން ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ ބަދަލަކުން ޚަރަދު ކުޑަވުން ފިޔަވައި އެހެން އެއްވެސް ފައިދާއެއް ނެތް އިރު، އޭގެ ސަބަބުން ޑިމޮކްރަސީގެ ހަމަތަކަށް ހުރަސް އެޅި، ވެރިކަމުގައި ތިބޭ ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބިގެންދާނެއެވެ. އިންތިޚާބުތަކަކީ ރައްޔިތުންގެ ބާރުވެރިކަން ދަމަހައްޓައި، ވެރިން ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމަށް ވާތީ، އެ ފުރުސަތުތައް މަދުކުރުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

ދެ އިންތިހާބު އެއްކޮށްލުމުން ނުކުންނާނެ ނަތީޖާ ތަކުގެ ގޮތުގައި ޑރ.ޙަސަން ޙަމީދު ލިޔުއްވާފައިވަނީ؛

  • މެންބަރުންނާއި ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުން، އިންތިޚާބުން ހޮވެނީ ބޮޑެތި އަމިއްލަ ނުވަތަ އެހެން ފަރާތްތަކަކުން ފައިސާ ޚަރަދު ކޮށްގެން. އާންމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކަށް ވޯޓު ގަތުމަށް ފައިސާ ދީގެން. މިހާރު އޮންނަ ގޮތުން، ފަސް އަހަރެއްގެ ތެރޭގައި، އާންމުންނަށް ދެ ފަހަރު ވޯޓު ހޯދުމަށް ފައިސާ ޚަރަދު ކުރަން ޖެހޭ. މި ބަދަލު ގެނައުމުން، ވޯޓުލާ މީހުންނަށް ފައިސާ ޚަރަދު ކުރަން ޖެހޭނީ އެންމެ ފަހަރަކު. އިންތިޚާބާ ދިމާކޮށް ތާއީދުހޯދަން ކުރާ ޚަރަދު، އިންތިޚާބު ބޭއްވުމުގެ ޚަރަދަށް ވުރެ ފަސްގުނަ އިތުރު ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރޭ.
  • ދެ އިންތިހާބު އެއްކޮށްލުމުން، ކެމްޕެއިން ކުރަން އުޅުމުގެ ބަދަލުގައި، ސަރުކާރުގެ އިސް ފަރާތްތަކަށް އެމީހުންގެ މަސްއޫލިއްޔަތުގައި ޤަރާރުވެ އުޅުމަށް އިތުރު ވަގުތު ލިބުން.
  • ދެ އިންތިހާބު އެއްކޮށްލުމުން، އިންތިޚާބު ހިންގުމުގައި އިދާރީ ގޮތުން ފަސޭހަތައް ހުރުން.
  • އިސްތިޤްރާއީ (inductive) ވިސްނުމުން ބަލާއިރު ކަމެއް އެއް ފަހަރު ބޭއްވުމުން ފައިދާ ކޮށްފައި، ދެ ފަހަރު ބޭއްވުމުން އިތުރު ފައިދާ ކުރާނަމަ، ގިނައިން ބޭއްވުމުން ކުރާ ފައިދާ ބޮޑުވާނެ. މިސާލަކަށް، ދުވާލަކު އެއް ފަހަރު ފެންތައްޓެއް ބުއިމުން މަންފާ ކޮށްފައި، ދުވާލަކު ދެ ފެންތަށި ބުއިމުން އިތުރު މަންފާ ކުރާ ނަމަ، ގިނައިން ފެން ބުޔުމުން ކުރާ މަންފާ އިތުރުވާނެ.
  • އިންތިޚާބު ބާއްވާ އަދަދު މަދުވެއްޖެނަމަ، ޤާނޫނު ހަދާ ފަރާތްތަކާއި އިދާރީ ގޮތުން ޤައުމު ހިންގާ ފަރާތްތަކާ، ރައްޔިތުންނާ ފޭވެ، ޚުދުމުޚްތާރު ވެރިކަމަކަށް ޤައުމު އެނބުރޭނެ.
  • އިންތިޚާބުތަކާއި ރެފަރެންޑަމްތައް ގިނަވުމުން ސީދާ ޑިމޮކްރެސީއަށް ފުރުޞަތު ލިބިގެންދޭ. ޤާނޫނު ހަދާ ފަރާތްތަކާއި ރައްޔިތުންނާ އޮންނަ ހުރަސް ނުވަތަ ފަރުދާ ކެހިގެންދޭ.
  • ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، މެންބަރުން ވެސް، އަދި ރައީސަކު ވެސް ދެ ފަހަރު ރައްޔިތުންގެ ކުރިމައްޗަށް ނުސީދާ ގޮތެއްގައި ނުކުންނަން މަޖުބޫރުވޭ.
  • ރިޔާސީ އިންތިޚާބަކީ ޤައުމީ ފެންވަރުގެ މައްސަލަތަކަށް ފޯކަސް ކުރެވޭ އިންތިޚާބަކަށް ވެފައި، މެންބަރު ކަމާއި ކައުންސިލްގެ އިންތިޚާބުތަކަކީ ސަރަޙައްދީ ނުވަތަ އަތޮޅު ފެންވަރުގެ ކަންކަމަށް ފޯކަސް ކުރެވެން ޖެހޭ އިންތިޚާބު. މި ދެ ބާވަތުގެ އިންތިޚާބު އެއްކޮށްލުމުން ސަރަޙައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ޤައުމީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކަށް ހިޔަނި އެޅި، ޤައުމީ ކަންކަމަށް ދޭންޖެހޭ އިސްކަމުގައި ކޭތަ ހިފާނެ.
  • ދެ އިންތިޚާބު އެއްކޮށްލުމުން އަބަދުވެސް މަންފާކުރާނީ ވެރިކަމުގައި ތިބޭ ބަޔަކަށް. އަވައްޓެރި އިންޑިއާގައި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭގޮތުން އުފެއްދި އެ ގައުމުގެ ކޮމިޓީން ނިންމި އެއް ނިންމުމަކީ، ދެ އިންތިޚާބު އެއްކޮށްލުމުން ވެރިކަމުގައި ތިބޭ ފަރާތްތަކަށް އަބަދުވެސް ފައިދާވާނެ ކަމަށް. މިހެން ނިންމިއިރު، ރާއްޖޭގައި ނޯންނަ، އަޚުލާޤީ މިންގަނޑެއް އިންޑިއާގައި އޮވޭ. އެއީ، އިންތިޚާބަށް އިޢުލާނު ކުރުމަށް ފަހު، އެއްވެސް އައު ޕްރޮޖެކްޓެއް، މަޝްރޫޢުއެއް ވެރިކަމުގައި ތިބި ފަރާތުން އިޢުލާނުކޮށްގެން ނުވާނެ ކަމާއި ސިޔާސީ މަޤާމުތައް ނުއުފެއްދޭނެކަން.

.

މުހިންމު ނުކުތާ ތަކާއި މިސާލުތަކަށްފަހު ޑރ.ޙަސަން ޙަމީދު ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިވަގުތު އޮތް ޑިމޮކްރަސީގެ ސަގާފަތާ އަޅާ ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރަސީގެ ރޫހާ ގުޅޭކަމެއް ނޫން ކަމަށެވެ.

ޑރ.ޙަސަން ޙަމީދުގެ މަޒުމޫނު ވިދާޅުވުމަށް

ކޮމެންޓް