
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި 12:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ޖުމްލަ އަކީ 62،083 އެވެ. އެއީ 28،838 އަންހެނުންނާއި 33،245 ފިރިހެނުންނެވެ. އެހެންކަމުން އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 21.05 ޕަސެންޓެވެ.
މެންދުރު 12 ޖެހުމާ ހަމައަށް ވޯޓު ނުލާ މީހުންގެ އަދަދަކީ 232،793 މީހުންނެވެ. އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 78.95 ޕަސެންޓް މީހުންނެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން މިއަދުގެ ހަވީރު 4:00 އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާއިރު މިހާރުވެސް ބައެއް ތަންތަނުގައި ވަނީ ވޯޓްލާ ކިއުތައް ހަދާފައެވެ. އަދި ކުރިއަށް މިއޮތް ވަގުތުތަކުގެ ތެރޭގައި، ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ގުދުރަތީ ކާރިސާއެއް ދިމާނުވާނަމަ، ވޯޓުލުމުގެ ވަގުތު ދިގުނުކުރާނެ ކަމަށެވެ.
މިއަދު ހެނދުނު 9:00 ގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި، އެހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ވަނީ ފެށިފައެވެ. އޭގެ ފަހުން، 9:30 ހާއިރު އީސީން ހާމަކުރީ ހުރިހާ ފޮށްޓަކަށްވެސް ވޯޓުލުން ފެށިގެން ކުރިއަށް ދާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.
އީސީން ބުނިގޮތުގައި ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.
ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ.
އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމުތަކާ މެދު ބައެއް ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.




