ވޯޓުލުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ކުރަނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތިހާބުގެ ވޯޓާއި ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށް
ފިޔެސް 4 އޭޕްރީލް 2026 (ހޮނިހިރު)   09:12
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށް އެބަދެއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން މިއަދުގެ ހަވީރު 4:00 އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ އެވެ.

މިއަދު ހެނދުނު 9:00 ގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި، އެހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ވަނީ ފެށިފައެވެ. އޭގެ ފަހުން، 9:30 ހާއިރު އީސީން ހާމަކުރީ ހުރިހާ ފޮށްޓަކަށްވެސް ވޯޓުލުން ފެށިގެން ކުރިއަށް ދާކަމަށެވެ. 

your imageވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ތައްޔާރުކޮށްފައިހުރި ބޫތު. އޮފިޝަލުންނަށް ފެންނަ ގޮތަށް ބޫތު ހުރުމުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައި.-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން 9 އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.

އީސީން ބުނިގޮތުގައި ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.

ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. 

ކޮމެންޓް