
އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، މި މަސައްކަތުގެ ދަށުން އެ ސަރަހައްދު ސާވޭ ކުރުމާއި، ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހިން 698 ގޯތި ދޫކޮށްފައި ވާއިރު، އެއީ 3250 އަކަފޫޓުގެ 41 ގޯއްޗާއި 3650 އަކަފޫޓުގެ 16 ގޯއްޗާއި 4000 އަކަފޫޓުގެ 24 ގޯއްޗާއި 1650 އަކަފޫޓުގެ 181 ގޯއްޗާއި 2050 އަކަފޫޓުގެ 242 ގޯއްޗާއި 2450 އަކަފޫޓުގެ 132 ގޯއްޗާއި 2850 އަކަފޫޓުގެ 62 ގޯއްތި ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
މިއަދު ބިންތައް ހަވާލުކުރަން ފަށާއިރު، މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ވަނީ މި ސަރަހައްދުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ގުރުއަތުލުމަކީ އެ ސަރަހައްދުން ގޯތި ހަވާލުކޮށްފައިވާ މީހުންގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށް ބޭއްވި ގުރުއަތެކެވެ. އެ ފަހަރު ޖުމްލަ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެކުރިން ވަނީ ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތައް ވެސް އޭގެ ހައްގުވެރީންނާ ހަވާލުކޮށްފައި ކަމަށާ، މި ގޯތިތައް ވެސް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނީ ހައުސިން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ވަރަށް އިންތިޒާމުވެގެން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.




