ހުޅުމާލެ ފޭސް-2 ހިޔާ ފްލެޓް ޓަވަރުތަކެއް.- ފޮޓޯ: އެޗްޑީސީ
އިންތިހާބަށް ހަތަރު ދުވަސް: ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
ހަސަން އިބްރާހީމް 30 މާރޗް 2026 (ހޯމަ)   22:53
ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފި އެވެ.

އެޗްޑީސީން މިކަން ކޮށްފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.

އެ ކުންފުނިން ވަނީ މި ބަދަލު ގެންނާނެ ކަން ފްލެޓު ވެރިންނަށް ސިޓީގެ ޒަރިއްޔާއިން އަންގާފަ އެވެ.

އެ ސިޓީގައިވާ ގޮތުގައި، ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.

އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ދޭން ވައުދުވި 200،000ރ. ގެ ތެރެއިން ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެއެވެ.

އެޗްޑީސީން ފްލެޓު ވެރިންނަށް ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ މި ބަދަލު ގެންނަނީ ފިނިޝިންއަށް ކުރި ހަރަދު އަނބުރާ ދިނުމާ ގުޅޭ ވައުދު އެންމެ ފުރިހަމައަށް ހާސިލުކުރުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، މި ކަމާ ގުޅިގެން އެއްބަސްވުމަށް ގެންނަން ޖެހޭ ބަދަލުތައް ވީއެންމެ އަވަހަކަށް ގެނެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރަންފެށި ހިޔާގެ 7000 ފްލެޓް ނިންމައި ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަމުގައެވެ. އޭރު ކުލީގެ ގޮތުގައި ހަމަ ޖެއްސީ، މަހަކު 8،500 ރުފިޔާއެވެ. ނަމަވެސް، އެ ވެރިކަމުގައި ރިޔާސީ އިންތިޚާބު އޮތް އަހަރު ވަނީ އެ ކުލި, 5،300 ރުފިޔާއަށް ކުޑަކޮށްފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެ ކުލި ވަނީ 3،984.21 ރުފިޔާއަށް ކުޑަ ކޮށްފައެވެ.

މި ސަރުކާރުގައި ހިޔާ ފުލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކުގެ މަހު ކުލި 20 ޕަސެންޓާ ހަމައަށް ކުޑަކޮށް، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓު 50 ޕަސެންޓް ކުޑަކޮށް، މަހު ކުލި ވަނީ 12 ވަރަކަށް ހާސް ރުފިޔާއަށް ކުޑަކޮށްފައެވެ. ބޮޑެތި ލޯންތައް ނަގައިގެން އަޅައިފައިވާ އެ ފުލެޓުތަކަށް ދެމުން އަންނަ ލުއިތަކާ ގުޅިގެން، އެ ފިޔަވަޅުތަކުގެ ދެމެހެއްޓެނިވި ކަމާ މެދު ކަމާ ގުޅުންހުރި ފަރާތްތަކުން މީގެ ކުރިން ސުވާލު އުފައްދައިފައިވެއެވެ.

މީގެ އިތުރުން، އިންތިހާބުތަކާ ކައިރިކޮށް އެފަދަ ލުއިތައް ދިނުމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކުރެއެވެ. އަންނަ ހޮނިހިރު ދުވަހު ތިން އިންތިހާބެއްގެ ވޯޓުލުން އޮއްވައި ނިންމި މި ނިންމުމަކީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް