
އެސްޓީއޯގެ ތެޔޮ ވިއްކުމަށް ހާއްސަ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފަރާތުން، ކަސްޓަމަރުންނަށް އަންގާފައިވާ ގޮތުގައި ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ވަނީ މިއަދުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ތެޔޮ އުފުލައިދޭ ދުރުމިނަށް ބަލައި އެކި ސަރަހައްދުތަކަށް އެކި ރޭޓުން ނަމަވެސް، އެވްރެޖްކޮށް ހުރިހާ ސަރަހައްދަކަށް ވެސް އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މާލެ ސަރަހައްދުގައި އިއްޔެއާ ހަމައަށް ޑީސެލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ.
މި ބަދަލުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިން އެސްޓީއޯއިން ތެޔޮ ގަންނަންޖެހޭ އަގު ބޮޑުވުމާ ގުޅިގެން، އާންމުންނަށް ތެޔޮ ވިއްކާ އަގު މާލެ ސަރަހައްދަށްވުރެ އަތޮޅު ތެރޭގެ ރަށްރަށުގައި އެތައް ގުނައެއް ބޮޑުވާނެއެވެ.
މެދު ރާއްޖެ ތެރެއަށް އެފްއެސްއެމް އިން ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 27.13 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 28.32 ރުފިޔާއަށް އުފުލިފައެވެ. އަދި އާންމުންނަށް ތެލާއި ޕެޓްރޯލް ލިބުމުގައި މިއަގު އިތުރަށް ބޮޑުވާނެ އެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅުގައި މިހާރު ފެޓްރޯލް ލީޓަރެއް ލިބެނީ 29.26 ރުފިޔާއަށް ކަމަށްވާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ، 30.13 ރުފިޔާއަށެވެ. އައްޑޫ ސިޓީގެ މީދޫގައި ޑީސެލް ލީޓަރެއް ވިއްކަނީ 31 ރުފިޔާއަށެވެ.
ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ސިޓީގައި ޕެޓްރޯލް ލީޓަރެއް ހުރީ 29.30 ރުފިޔާއަށެވެ. ޑީސެލް ވިއްކަނީ 29.51 ރުފިޔާއަށެވެ.
މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ގެނައުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށާއި މިހާރުވެސް ތެޔޮ ބަރުކޮށްގެން ބޯޓުފަހަރު އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދުވަހެއް ދުވަހަކަށް ތެލުގެ އަގު ދަނީ އުފުލުމުންނެވެ.




