ދެ އިންތިހާބު އެއްކޮށްލުމަކީ އޭގެ ޒާތުގައި ހަދާ ބޮޑު ގޯހެއް
ޖުނާން އަޙުމަދު 27 މާރޗް 2026 (ހުކުރު)   10:25
ދެ އިންތިހާބު އެއްކޮށްލުމަކީ އޭގެ ޒާތުގައި ހަދާ ބޮޑު ގޯހެއް ކަމަށާއި ރިޔާސީ ދައުރާއެކު ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށި އަދި ނިމޭ ނަމަ މުޅި ނިޒާމު ވެސް ހުސްކަމަކަށް ދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި 'ޗަގޯސް' ޖަލްސާގައި ޔާމީން ވިދާޅުވީ ގައުމުގެ އެންމެ މުހިންމު ބަޔަކީ ވެރިމީހާ ޖަވާބުދާރީ ކުރުވަން އޮތް ރައްޔިތުންގެ މަޖިލިސް ކަމަށެވެ. ރާއްޖޭގައި ދައުލަތް ހިންގަމުން އަންނަ ރިޔާސީ ނިޒާމު ތަރުތީބުވެފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނުލިބި ރައީސްއަށް އެއްވެސް ކަމެއް ކުރުމުގެ ބާރު ނޯންނާނެކަން ވެސް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނެތް ހާލަތުގައި ވެސް، މަޖިލީހެއް ގައުމުގައި އޮންނަން ޖެހޭ. ދައުރު ހުސްނުވެ އޮންނަ މަޖިލީހެއް ނޯންނާނެ ހާލަތެއް މެދުވެރިކުރާ ހާލަތެއް މިއީ. އެއީ ނޫނެކޭ ބުނަން ޖެހޭ ސަބަބު،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. އޭރުން ކަމެއް ދިމާވާ ހާލަތުގައި ބަހެއް އަހާލަން ޖެހޭނެ ބަޔަކު ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހުސްވެގެންދާއިރު މަޖިލީހެއް އޮންނަން ޖެހޭ. ސަބަބަކީ އަދިވެސް ފަހު ނޭވާ ލަންދެން ވެސް ނޫނީ ސަންދޯކުގެ އެންމެ ފަހުގެ މޮހޮރު ޖަހަންދެން ވެސް ރައީސް ރައްޔިތުންނަށްޓަކައި އެކުރާ ކަމަކީ ގާނޫނުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތަށް ކުރާ ކަމެއްތޯ ބެލުމަށް އޮންނަ ހަމައެކަނި ބާރަކީ، ގާނޫނީ ފަރުވާއަކީ މަޖިލިސް. ޖުޑިޝަރީއެއް ވެސް ނޫން. ރައީސްގެ ދައުރާއި، މަޖިލީހުގެ އުމުރު ތަފާތުކޮށް އޮންނަން ޖެހޭ ސަބަބަކީ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ އެއްވެސް ބައެއްގެ އަތަށް ހުރިހާ ބާރުތަކެއް ދީފި ނަމަ އެ ހުރިހާ ބާރެއް ކޮރަޕްޓުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހާއި ރިޔާސީ ދައުރު އެކުއެކީގައި ފެށި އަދި ނިމުމަކީ ގައުމަށް ދިމާވާނެ ބޮޑު ނުރައްކަލެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދެ ވޯޓު އެއްކުރާއިރު އެކަން ކުރަން ޖެހޭ ސަބަބު ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށާއި އެކަމަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރަން އެކަށީގެންވާ ވަގުތު ވެސް ދޭން ޖެހޭނެ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލަން ޖެހޭ ސަބަބަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ބުނާ ނަމަ ސަރުކާރުން އެ ހަދަނީ ބުހުތާނު ދޮގެކެވެ.

ދެ އިންތިހާބު އެއްކޮށްލުން ފަދަ ބޮޑު ކަމެއް ކުރާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަހަނާއަށް ވުރެ އެކަށީގެންވާ ސަބަބެއް ރައީސް މުއިއްޒު ވިދާޅުވާން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެކަމަކު އެވަރުގެ ސަބަބެއް މިހާތަނަށް ސަރުކާރަށް ބުނެނުދެވޭކަން ޔާމީން ފާހަގަކުރެއްވި އެވެ.

ކޮމެންޓް