ރައީސް ނަޝީދު އާއި ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް
މި އިންތިހާބުގައި ކުރިއަށްދާނީ ޕީއެންއެފް އާއި އެމްޑީޕީ އެކުގައި
"އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު އަހަރެމެން އެބަޖެހޭކަމަށް ރައީސް ޔާމީން ވަނީ ޕީއެންއެފް ޖަލްސާއެއްގައި މިފަހުން ވިދާޅުވެފައި
ޖުނާން އަޙުމަދު 31 މާރޗް 2026 (އަންގާރަ)   18:35
ޕީއެންއެފް (ޕީޕަލްސް ނެޝަނަލް ފްރޮންޓް) ގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް ވޯޓުދެއްވުމަށާ، އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އެ ޕާޓީގެ މެންބަރުން ވޯޓުދެއްވުމަށްް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައި ވާއިރު، ރައީސް ނަޝީދު ވިދާޅުވާފަދަ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ކައުންސިލު އިންތިހާބުގައި ތާއީދުކުރައްވާ ކަމަށް ވެސް 'ޗަގޯސް'ގެ ނަމުގައި ޕީއެންއެފް އިން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ރަށްރަށަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ގދ. ހޯނޑެއްދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލެއްވި ޝަކީބާ އަބްދުالله އަށް ވޯޓުދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޝަކީބާ އަމިއްލަގޮތުން ވާދަކުރެއްވި ނަމަވެސް، ޝަކީބާ އަކީ، ޕީއެންއެފްގެ ތާއީދާ އެކުގައި ނުކުންނެވި ކެންޑިޑޭޓެއް ކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީ މެންބަރުން ޝަކީބާއަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެން ނަޝީދު މިއަދު ވިދާޅުވީ، ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި، އެ ޕާޓީގެ މެންބަރުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާ، އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އެމްޑީޕީ މެންބަރުން ތާއީދުކުރައްވާ ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު، އެމްޑީޕީ މެންބަރުންވެސް އަދި އެމްޑީޕީއަށް ތާއީދުކުރައްވާ މެންބަރުންވެސް، އެމްޑީޕީގެ ވާދަކުރާ ގޮނޑިއެއް ނެތް ތަންތަނުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އިރާދަކުރެއްވިއްޔާ ވޯޓުދޭނެ، މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި،" – ރައީސް ނަޝީދު

ރައީސް ނަޝީދު ސިޔާސީ ތަގުރީރުތަކުގައި ވަރަށް ގިނައިން ވިދާޅުވާ އަދި އެމްޑީޕީގެ އެކި އެކި ސްލޯގަން ތަކުގައި ބޭނުން ކުރަމުން އަންނަ "އަނެއް ދިވެހިރާއްޖެ" މި ލަފްޒު ތަކުރާރުކޮށް ބޭނުން ކުރައްވާ، ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވިދާޅުވެފައި ވަނީ، ކޮންމެ ވާހަކައެއް ވެސް، އެވާހަކައަކީ ރައީސަކު ވިދާޅުވެއްޖެ ނަމަ އެކަން ސީރިއަސްކޮށް ނަގަން އެބަޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ހިޔާލަށް އަންނަނީ އަޅުގަނޑުމެން ތެރޭގަ އުޅުއްވާފަ، މިހާރު ވެސް ބަސް ވިދާޅުވާ، އެހެންނަމަވެސް ވަކިވެވަޑައިގެންފައި ހުންނެވި ރައީސެއް. ރައީސް ނަޝީދު ވިދާޅުވި ވާހަކައެއް. މިހާރު އަހަރެމެން އެބަ ޖެހެއޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ދެއްތޯ އަނެއް ދިވެހިރާއްޖެއަށް މިސްރާބުޖަހަން، ދިވެހިރާއްޖެ ހޯދަން" - ރައީސް ޔާމީން

ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައި އޮތް ތަނެއްކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކަންކަން ހައްލުކުރަން ބަރޯސާވަމުން އައީ ޝަރުއީ ނިޒާމަށް ކަމަށާ، ދިވެހިރާއްޖެ ހަލާކުކުރީ ދިވެހިރާއްޖޭގެ ވެރިން ކަމަށް އަދި ޝަރުއީ ނިޒާމު މިއަދު އޮތް ހާލަތަށް ހަލާކުކޮށްލީ ޚުދު ޝަރުއީ ނިޒާމުގެ ވެރިން ކަމަށެވެ.

ކޮމެންޓް