ދެ އިންތިހާބު އެއްކޮށްލުމުން މަންފާ ކުރާނީ ސިޔާސީންނަށް
ޖުނާން އަޙުމަދު 27 މާރޗް 2026 (ހުކުރު)   23:45
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން މަންފާ ކުރާނީ ދިވެހި ރައްޔިތުންނަށް ނޫން ކަމަށާއި ހުރިހާވެސް މަންފާއެއް ކުރާނީ "ސިޔާސީންނަށް" ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙުމަދު މުޙައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

އަހުމަދު މިހެން ވިދާޅުވީ އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޕޮލިސީ އެމްވީ އިން ރޭ ކުރިއަށް ގެންދިޔަ "ސިޔާސާތު ޚާއްސަ" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. މި ފޯރަމުގައި އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުން ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ހުރި ފައިދާތަކާއި ގެއްލުމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވާފައެވެ.

އިކޮނޮމިކްސްގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓަރސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި، އިގުތިސޯދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާގައި ހަރަދު ކުޑަކުރެވޭ ކަމަށް ސަރުކާރުން ބުނާ ވާހަކަ އަކީ ބުހުތާނު ދޮގެއް ކަމަށެވެ.

އަހުމަދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 85 މިލިޔަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއެކު އެ ދެ އިންތިހާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން ބަލާއިރު ޕަސެންޓެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެ އިންތިހާބު ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ. ކޮންމެ ދުވާލަކަށް ބަހާލައިފިއްޔާ މި ޖެހެނީ ދުވާލަކަށް 20 ލާރި. 20 ލާރި ހަރަދު ނުކުރެވިގެންތޯ މިއުޅެނީ ނޭވާ ނުލެވިގެން؟" އޭނާ ސުވާލު އުފެއްދެވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންތިހާބުތަކުގެ ހަރަދުގެ 89 ޕަސެންޓަކީ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުންގެ އުޖޫރައެވެ. ދެ އިންތިހާބު އެއްކޮށްލި ނަމަވެސް މުވައްޒަފުންނާއި އިދާރީ ތަކެތި މަދު ނުވާނެތީ، ސަލާމަތް ކުރެވޭނީ ހަރަދުގެ އެންމެ ހަތަރުބައިކުޅަ އެއްބަޔެވެ. އެއީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއެވެ. މިއީ އަހަރަކަށް ބަލާނަމަ 8 މިލިއަން ރުފިޔާ ކަމަށާއި މި ހިސާބުން ބަލާއިރު، ރައްޔިތެއްގެ ބޮލަކަށް ދުވާލަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށް އޭނާ ވިދާޅުވި އެވެ

"ފަސް ލާރިއާ ހެދިތޯ އަޅުގަނޑުމެން މިއުޅެނީ. ފަސް ލާރީގެ ސަބަބުން އަޅުގަނޑުމެންނަށް ދެން އަޅުގަނޑުމެންނަށް އޮޅުން ބޮޅުން އަރައިގެން ދަނީ ކޮން ކަންތައްތަކަކަށްތޯ. އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު، ދައުލަތުގެ މުއައްސަސާތަކަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މީހުންނަށް ނުކެރުމާއި، ފިނޭންސް މިނިސްޓްރީން ހުށަހަޅަންޖެހޭ ފިސްކަލް ރިޕޯޓުތައް ގަވާއިދުން ނުފެނުން ފަދަ ކަންކަމަކީ ޖަވާބުދާރީވުމުގެ ނިޒާމު ފުނޑިފައިވާ ކަމުގެ ހެކިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް