
މިދިޔަ ސެޕްޓެމްބަރު މަހު ޒުވާނުން ކުރި ވަރުގަދަ މުޒާހަރާ ތަކުގެ ސަބަބުން އޭރު އޮތް ސަރުކާރު ވެއްޓުމަށް ފަހު، ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރިން ރެޕް މިއުޒިކް ކުޅުއްވި އުމުރުން 35 އަހަރުގެ ބަލެންދުރަ ޝާހް އެވެ. އޭނާ މަގާމުގެ ހުވަ ކުރައްވައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތީ އިއްޔެ އެވެ.
ބޮޑުވަޒީރު ޝާހް އާއި އޭނާގެ ރާސްތުރިޔާ ސުވަތަންތުރަ ޕާޓީ (އާރްއެސްޕީ) އިން އިންތިޚާބު ކާމިޔާބުކުރީ ޒުވާނުން އިސްވެ ތިބެ ސިޔާސީ ބަދަލުތަކެއް ގެނައުމުގެ ވައުދާއެކު ބޮޑު އަގުލަބިއްޔަތަކުންނެވެ. ޝާހް ވަނީ ހަތަރު ފަހަރު ބޮޑުވަޒީރުކަން ކުރެއްވި އޯލީއާ ވާދަކުރައްވައި، އޯލީގެ އަމިއްލަ ދާއިރާއިން އޭނާ ބަލިކުރައްވާފައެވެ.
ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ޝާހްގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވަނީ މުޒާހަރާތަކުގައި ހިނގި އަނިޔާވެރި އަމަލުތައް ތަހުގީގުކުރި ކޮމިޝަނުން ދީފައިވާ ލަފާތައް ތަންފީޒުކުރުމަށް ނިންމާފައެވެ.
އެ ކޮމިޝަންގެ ލަފާގެ މަތިން އޮލީގެ އިތުރުން ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
"މިއަދު ހެނދުނު އެބޭފުޅުން ވަނީ ހައްޔަރުކުރެވިފައި. ދެން މައްސަލަ ކުރިއަށްދާނީ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން،" ކަތުމަންޑޫ ވެލީ ފުލުހުންގެ ތަރުޖަމާނު އޯމް އަދިކާރީ ވިދާޅުވިއެވެ.
ދަ ކަތުމަންޑޫ ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 74 އަހަރުގެ އޯލީ ހައްޔަރުކުރީ ވެރިރަށް ކަތުމަންޑޫގެ އަވަށެއް ކަމަށްވާ ބަކްތަޕޫރުގައި ހުންނަ އޭނާގެ އަމިއްލަ ގެއިންނެވެ. ފަހުން އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ހުދު ކުލައިގެ ހެދުމެއްގައި ހުންނެވި އޯލީ ހޮސްޕިޓަލަކަށް ވެންދެވީ ފުލުހުންގެ ވަށާލުމުގެ ތެރޭގައެވެ.
ލޭކަކް ވެސް ހޮނިހިރު ދުވަހު ހައްޔަރުކުރީ ބަކްތަޕޫރުގެ އެހެން ސަރަހައްދަކުން ކަމަށް އޭނާގެ ޕާސަނަލް ސެކްރެޓަރީ ޖަނަކް ބައްޓާ އެ ނޫހަށް މައުލޫމާތު ދީފައިވެއެވެ.
ފޭސްބުކްގައި އާންމުކުރެއްވި ބަޔާނެއްގައި އާ ހޯމް މިނިސްޓަރު ސޫދާން ގުރުންގް ލިޔުއްވާފައިވަނީ، "ވައުދަކީ ވައުދެއް: ގާނޫނަށްވުރެ މަތީގައި އެކަކުވެސް ނުހުންނާނެ،" ކަމަށެވެ.
"މިއީ އެއްވެސް މީހަކާ ދެކޮޅަށް ހިންގާ ބަދަލުހިފުމެއް ނޫން، މިއީ އިންސާފު ގާއިމުކުރުމުގެ ފެށުން. އަޅުގަނޑު ގަބޫލުކުރަނީ ގައުމު މިހާރު މިސްރާބު ޖަހާފައިވަނީ އާ މިސްރާބަކަށް" ކަމަށް ގުރުންގް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ބޭނުންކުރުން ކުރު މުއްދަތަކަށް މަނާކުރުމާ ގުޅިގެން ފެށުނު ނަމަވެސް، އިގްތިސާދީ ދަތިކަމުގެ ސަބަބުން އުފެދުނު ނުރުހުންތަކާއެކު މިދިޔަ ސެޕްޓެމްބަރު މަހު ޒުވާނުން އިސްނަގައިގެން ބޭއްވި މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަދުވެގެން 77 މީހަކު މަރުވި އެވެ. އޮލީ އިސްތިއުފާ ދެއްވީ އެ ހާދިސާތަކާ ގުޅިގެނެވެ.
އޮލީގެ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލްއިން ބުނީ އޭނާ ހައްޔަރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި، އެއީ "ބަދަލުހިފުމުގެ" ގޮތުން ކުރި ކަމެއް ކަމަށެވެ. އެ ޕާޓީން ވަނީ އޮލީ ވަގުތުން މިނިވަންކުރުމަށް ގޮވާލައި، މުޅި ގައުމުގައި މުޒާހަރާކުރުމަށް ނިންމާފައެވެ.




