ނޭޕާލްގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން.--
ހިންދޫންނާއި މުސްލިމުންގެ ހަމަނުޖެހުންތަކުގައި ނޭޕާލް ނުތަނަވަސްކަމެއްގައި
މަރްޔަމް މުޙައްމަދު 3 އޯގަސްޓް 2026 (ހޯމަ)   09:12
ނޭޕާލްގެ އިރުދެކުނު ޑިސްޓްރިކްޓްތަކުގައި ހިންދޫންނާއި މުސްލިމުންގެ މެދުގައި ހިނގި ދީނީ ހަމަނުޖެހުންތަކެއްގައި މަދުވެގެން ތިން މީހުން މަރުވެ، 24 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ކާފިއު އިޢުލާންކޮށް އިތުރު ސަލާމަތީ ބާރުތައް ނެރުމާއެކު، އެ ގައުމު އަދިވެސް އޮތީ މަތީ އެލާޓްގައެވެ.

މި ހަމަނުޖެހުންތައް ފެށުނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ، އިންޑިއާ ބޯޑަރާ ކައިރީގައި އޮންނަ ސުންސާރީ ޑިސްޓްރިކްޓްގެ ދޭވަންގަންޖް ރޫރަލް މުނިސިޕަލިޓީގައެވެ. ފުލުހުންނާއި ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، މި ކުރިމަތިލުންތައް ފެށުނީ ހިންދޫންގެ ދީނީ ހިނގާލުމެއްގެ ތެރޭގައި ބާރަށް މިއުޒިކް ޖެހުމާއި، ދީނީ ދިދަތަކާ ގުޅޭގޮތުން އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. ބަހުގެ ހަމަލާތަކަކުން ފެށުނު މި ކަންތައްގަނޑު ވަރަށް އަވަހަށް ގާ އުކުމާއި، ތަންތަނަށް ގެއްލުންދިނުމާއި، ރޯކުރުމާއި، ދެ ފަރާތުގެ މެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަކަށް ބަދަލުވެގެން ދިޔައެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި، އެއްވެފައި ތިބި މީހުން ރޫޅާލުމަށްޓަކައި ސަލާމަތީ ބާރުތަކުން ކަރުނަގޭހާއި، އިންޒާރުގެ ބަޑި އަދި ފަހުން އަސްލު ވަޒަން ބޭނުންކުރިއެވެ. ފުރަތަމަ ހިނގި ކުރިމަތިލުމުގައި އެކަކު މަރުވިއިރު، އިތުރު ބަޔަކަށް ބަޑީގެ ހަމަލާތަކުގެ ސަބަބުން ޒަޚަމްތައް ލިބުނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ފުލުހުންނާއި އާމްޑް ޕޮލިސް ފޯސްގެ މެންބަރުންވެސް ހިމެނެއެވެ.

މި ހަމަނުޖެހުންތައް ފަހުން ސުންސާރީގެ ބޭރުން އަވަށްޓެރި ޑިސްޓްރިކްޓްތަކަށް ފެތުރިގެން ދިޔައެވެ. އޭގެ ތެރޭގައި ސިރާހާ ހިމެނޭއިރު، އެތަނުގައި ހިނގި ހަމަނުޖެހުންތަކުގައި އިތުރު މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް މަދުވެގެން ތިން މީހުން މަރުވެ، ގާތްގަނޑަކަށް 25 މީހުން ވަނީ ޒަޚަމްވެފައެވެ.

އަމާންކަން ގާއިމުކުރުމަށްޓަކައި، ލޯކަލް އެޑްމިނިސްޓްރޭޝަންތަކުން ވަނީ ހަމަނުޖެހުން ހިނގި ބައެއް ރަށްތަކުގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިޢުލާންކޮށް، އެއްވުންތައް މަނާކޮށްފައެވެ. އިތުރު ކުރިމަތިލުންތައް ހުއްޓުވުމަށާއި ނާޒުކު ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ސަތޭކަ އަށްވުރެ ގިނަ ފުލުހުންނާއި، އާމްޑް ޕޮލިސް ފޯސްގެ މުވައްޒަފުންނާއި، ނޭޕާލް އާމީގެ ޔުނިޓްތައް ވަނީ އެ ސަރަޙައްދުތަކުގައި ރުކުރުވާލާފައެވެ.

ބޮޑުވަޒީރު ބަލެންދްރަ ޝާހް ޤައުމާ މުޚާޠަބު ކުރައްވައި، ރައްޔިތުން ކެތްތެރިކަން އިސްކުރުމަށާއި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ސަރުކާރުން މި ހަމަނުޖެހުންތަކުގެ އިންސާފުވެރި ތަޙުޤީޤެއް ހިންގައި، ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ.

ހޯމް މިނިސްޓަރު ސޫދާން ގުރުންގް ވަނީ ސުންސާރީގައި މަރުވި މީހުންގެ ޢާއިލާތަކަށް ޒިޔާރަތްކުރައްވައި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ސަރުކާރުން ބަދަލު ދޭނެކަން އިޢުލާން ކުރައްވާފައެވެ. ހަމައެއާއެކު، ނޭޕާލްގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ވަނީ ފަސް މެންބަރުންގެ ތަޙުޤީޤީ ކޮމިޓީއެއް އެކުލަވާލައި، ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކުރެވުނު ފާޑުކިޔުންތަކާ ގުޅިގެން ސުންސާރީގެ އިސް ބައެއް އިދާރީ އަދި ސަލާމަތީ އޮފިޝަލުން މަޤާމުން ވަކިކޮށްފައެވެ.

ހަމަނުޖެހުންތައް ފެތުރިގެން ދިޔަނުދިނުމަށްޓަކައި އިންޑިއާ-ނޭޕާލް ބޯޑަރުގެ ސަލާމަތީ ކަންކަން، ޚާއްޞަކޮށް އިންޑިއާގެ ބިހާރު ސްޓޭޓާވީ ފަރާތުން ވަނީ ވަރުގަދަކޮށްފައެވެ.

ނޭޕާލަކީ އާންމުގޮތެއްގައި ތަފާތު ދީނީ މުޖުތަމަޢުތަކުގެ މެދުގައި ސުލްޙަވެރި ގުޅުމެއް އޮންނަ ޤައުމެކެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފަހުގެ ހަމަނުޖެހުންތަކުން ދައްކުވައިދެނީ ތެރާއީ ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި ދީނީ ގޮތުން ބައިބައިވުން އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުމެވެ. އެ ސަރަޙައްދުތަކުގައި ދީނީ ނާޒުކުކަމާއި، ދޮގު މަޢުލޫމާތާއި، ބޯޑަރު ހުރަސްކޮށް އަންނަ ނުފޫޒުތަކުގެ ސަބަބުން ކުދިކުދި ދެބަސްވުންތައް ވަރަށް އަވަހަށް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެގެންދެއެވެ. ހަމަނުޖެހުންތައް މެދުވެރިވާން ދިމާވި ސަބަބުތަކާއި، ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތްތަކާ ގުޅޭ ތަހުގީގުތައް ދަނީ ކުރިއަށެވެ.

ކޮމެންޓް