ގާނޫނުއަސާސީގައި ވަރަށް ބައިވަރު އުނި ކަންކަން އެބަހުރި: ބަންޑާރަ ނައިބް
ފިޔެސް 28 މާރޗް 2026 (ހޮނިހިރު)   22:37
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ވަރަށް ބައިވަރު އުނި ކަންތައްތައް އެބަހުރި ކަމަށާއި ސަރުކާރުން ކުރަމުންދަނީ އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބް އުޝާމް މިގޮތަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ހާއްސަ ފޯރަމުގައެވެ. މި ފޯރަމްގައި އުޝާމްގެ އިތުރުން، ގާނޫނުއަސާސީ އެކުލަވާލުމުގައި މަސައްކަތްކުރެއްވި މަޝްހޫރު ގާނޫނީ ބައެއް ބޭބޭފުޅުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ދައުރު ދަންމާލަން ޖެހިދާނެ ހާއްސަ ހާލަތެއް ގާނޫނުއަސާސީގައި އޮތުމުން ދެ އިންތިހާބު އެއްކޮށްލާ ފަހުން އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މުޅި އިސްލާހުގެ މަގުސަދު ގެއްލޭކަން މި ފޯރަމްގައި ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ އުމުރު ދިގުދެމިގެންދާނެ ހާލަތެއް އޮންނަނީ ގާނޫނުއަސާސީގެ 80 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އާންމު އިންތިހާބެއް ބާއްވަން ދަތިވެއްޖެ ނަމަ، މަޖިލީހުގެ އުމުރު އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެ އެވެ.

އެ މައުލޫގައި އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އެއްބަސްވެއްޖެ ނަމަ އެއާ ގުޅޭ ގޮތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ވެސް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި 80ވަނަ މާއްދާގައިވާ ހާލަތު ވެސް ހިމެނޭ ކަމަށެވެ.

މަޖިލީހުގެ އުމުރަށް މިވަގުތު ހަމައެކަނި ބަދަލުގެނައީ، އެއާ ގުޅިގެން ގާނޫނުއަސާސީގައި ދެން ހުރި ކަންކަމަކީ، މަޖިލީހުގެ އުމުރު އޮންނަންވީ ގޮތާ މެދު ރައްޔިތުން ދެކޭ ގޮތެއްގެ މައްޗަށް ބިނާވާނެ ބަދަލުތަކަކަށް ވާތީ ކަމަށް އުޝާމް ވިދާޅުވި އެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން ނޫނެކޭ ބުނާ ހާލަތުގައި ބަދަލުގެންނަން ނުޖެހޭ މާއްދާތައް ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

އުޝާމް ވިދާޅުވީ އާ ގާނޫނުއަސާސީގައި އުނި ގިނަ ކަންތައްތަކެއް ހުރުމުން، އެއަށް ބައިވަރު އިސްލާހުތަކެއް ގެންނަން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދުސްތޫރީ މައްސަލަތަކުގައި ވަރަށް ގިނައިން އުޅެވިފައި ހުރީމަ، މި މައްސަލަތަކުގައި އުޅޭއިރު އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ މި ގާނޫނުއަސާސީ އެއްކޮށް ކިޔާލާއިރު ވަރަށް ބައިވަރު އުނި ކަންތައްތައް އެބަހުރި. މި އުނި ކަންތައްތައް ރަނގަޅުކުރަން އެބަ ޖެހޭ. އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ބާވަތުގެ ކަމެއް ދިމާވުމުން، ރައްޔިތުންގެ ހިޔާލު ހޯދަނީ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅިގެން އަންނާނެ ބަދަލުތަކާ އެކު، ދެން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ފޯރަމްގައި 1997ގައި ފާސްކުރި ކުރީގެ ގާނޫނުއަސާސީ އާއި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު އަދި ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ. އޭނާގެ އިތުރުން ދުސްތޫރީ އަދި ގާނޫނީ އެކި ދިރާސާތައް ކުރައްވާ ޑރ. ޝަމްޝުލް ފަލާހު ވެސް މިހާރު ގެންނަން އުޅޭ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މި ބޭފުޅުންގެ އިތުރުން މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ހިމެނުނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބުރައީސްކަންވެސް ކުރެއްވި ގާނޫނީ ވަކީލު ޝާހީން ހަމީދާއި ބަންޑާރަނައިބު ކަމާއި ވަޒީރުކަން އަދި ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި އާއިޝަތު އާޒިމާ ޝަކޫރާއި ފާތުމަތު ދިޔާނާ ސައީދެވެ. މިބޭފުޅުން ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއް ނޫނެވެ.

ކޮމެންޓް