ގާނޫނުއަސާސީއަށް ބަދަލުތައް އަންނަންވާނީ ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް، ތިރިން މައްޗަށް
ފިޔެސް 30 މާރޗް 2026 (ހޯމަ)   09:04
ގާނޫނުއަސާސީގައި މައްސަލަތައް އެބަހުރި ކަމަށާއި އެހެންނަމަވެސް ގާނޫނުއަސާސީއަށް ބަދަލުތައް އަންނަންވާނީ ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް، ތިރިން މައްޗަށް އަންނަ ކަމެއްގެ ގޮތުގައި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް ހިމެނިވަޑައިގަތް ސުއޫދު މިފަދައިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރެފަރެންޑަމާ ގުޅޭގޮތުން ރޭ ކުރިއަށް ގެންދިޔަ، "1+1=ކީއްކުރަން؟" ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު، ގައުމުގެ ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާއި، ގާނޫނީ ގޮތުން ކުރިމަތިވެދާނެ ކަންކަމާ މެދު ފުންކޮށް ބަހުސްކުރަން ބޭއްވި މި ފޯރަމްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހަކު ބޭއްވުމަކީ ބޭކާރު ކަމެއް ކަމަށާއި އެކަމުން ހާސިލްވާނެ ނަތީޖާއެއް ނެތް ކަމަށެވެ.

"މި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ވިސްނި މީހާ ކޮން ކަމެއް ޖެހިގެންހެއްޔޭ މި ހިޔާލު އައީ؟ ކޮން މައްސަލައެއް ހައްލުކުރަންހެއްޔޭ މިކަން މިކުރަނީ؟ މިއެއް އޮޅުން ފިލުވައި ނުދޭތީ އަޅުގަނޑުގެ މައްސަލައަކީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވިޔަސް ހަމަ އެއްވެސް ބަދަލެއް ނާދޭ،" ސުއޫދު ވިދާޅުވިއެވެ.

މީގެ އިތުރުން ސުއޫދު ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ "ކޮސްމެޓިކް" ކަމެކެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި އެއަށްވުރެ މާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލިސް "ހިސޯރުކޮށްގެން" ނޫނީ ވެރިކަން ނުކުރެއްވޭ މައްސަލަ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްގެން، މެންބަރުން ބައިތިއްބައިގެން، ކޮންމެ މެންބަރަކަށް ދައުލަތުގެ ތެރެއިން އޭނާގެ އާއިލާގެ ދިހަ މީހުންނަށް ވަޒީފާ ދީގެން ނޫން ގޮތަކަށް މިކަން ކުރެވޭނެ ގޮތެއް ނެތް،" ރާއްޖޭގެ ސިޔާސީ ނިޒާމު ހިނގަމުންދާ ގޮތަށް އިޝާރާތް ކުރައްވައި ސުއޫދު ވިދާޅުވިއެވެ.

your imageރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު، ގައުމުގެ ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާއި، ގާނޫނީ ގޮތުން ކުރިމަތިވެދާނެ ކަންކަމާ މެދު ފުންކޮށް ބަހުސްކުރަން ބޭއްވި ފޯރަމްގެ ތެރެއިން.-

ސުއޫދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހަރުދަނާކުރެވޭނެ ގޮތަކާ މެދު ގައުމީ ފެންވަރެއްގައި ބަހުސްކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ހެނދުނު ހޭލައިގެން ހިތަށްއެރި ގޮތަކަށް، ކުއްލި ކުއްލިއަށް ފާސްކޮށްގެން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްދުވަހު ހެނދުނު އެގާރަ ޖަހާއިރު ފާސްކޮށްފައި ފަހެއްޖަހާއިރު ތަސްދީގު ކުރީމަ މިކަމެއް ނުނިމޭނެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ރައްޔިތުންގެ ޝުއޫރުތަކާ އެކު ތިރިން މައްޗަށް އަންނަ ކަމެއްގެ ގޮތުގައި އޮންނަންޖެހޭނީ،" މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް ވާސިލުވުމަށް ހިންގި އިސްލާހީ ހަރަކާތުގައިވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަތް ސުއޫދު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ހުރި މައްސަލަތައް ހައްލުވުމުގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރެއްގެ ބާރު އިންތިހާއަށް ގަދަވެ، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

"1+1=ކީއްކުރަން؟" ފޯރަމްގައި ސުއޫދުގެ އިތުރުން ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން އާއި އިމްތިޔާޒު ފަހުމީ އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި ހަރަކާތްތެރިވާ އައިމަން ރަޝީދު އެވެ. މި ފޯރަމް މޮޑަރޭޓް ކުރެއްވީ މަޝްހޫރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) އެވެ.

ކޮމެންޓް