
އިއްޔެ ބޭއްވި އިންތިހާބުތަކުން އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން ރޭ އާންމު ކުރެއްވި ވީޑިއޯ އެއްގައި ފައިސަލް ވިދާޅުވީ އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތް ނުވަތަ ނެތްތޯ ބެލުމަށްޓަކައި ނެގުނު ވޯޓެއް ކަމަށެވެ.
"ރައްޔިތުން ބުނެފައި މިވަނީ ބޮޑުތަނުން މިސަރުކާރަށް ނޫނެކޭ. މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅު ގޮތަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އިތުބާރު ނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މި ވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމަށްފަހު އަވަސް އިންތިހާބަކަށް ދިއުން،" ފައިސަލް ވިދާޅުވި އެވެ.
އިއްޔެގެ އިންތިހާބުތަކުން ސަރުކާރު ބަލިވީ އެ އިންތިހާބުތައް ކާމިޔާބުކުރަން މުޅި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ސަރުކާރުން ބޭނުންކުރަމުން ދަނިކޮށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް އެތައް ހާސް ބަޔަކަށް ވަޒީފާ ދިން ކަމަށާއި ވޯޓު ހޯދުމުގެ ބޭނުމުގައި އެތައް ސަތޭކަ މަޝްރޫއެއް ފަށައި މުޅި ސަރުކާރު އެއްކޮށް ނުކުމެ މަސައްކަތް ކުރިކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.
"އެމްޑީޕީން މިހުރިހާ ގޮންޖެހުންތަކަކާ އެކުވެސް މަސައްކަތްކޮށް ދިވެހި ރައްޔިތުން މިވަނީ ކާމިޔާބު ހޯދާފައި،" އެމްޑީޕީގެ ކެމްޕޭނުގައި ވަރަށް ގިނަ ރަށްތަކަށް ދަތުރު ކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރު ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ފައިސަލް ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ފައިސަލް ވަނީ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް އަމިއްލަގޮތުންވެސް ކެމްޕޭން ކުރައްވައި މައުލޫމާތު އާންމުކުރައްވާފައެވެ.




