
ރޭ އައްޑޫ ސިޓީގެ ވެރިރަށް، ހިތަދޫގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ، ޕްރޮޖެކްޓުތައް ކުރިއަށްގެންގޮސް މެނިފެސްޓޯ ތަންފީޒު ކުރަން ރައްޔިތުން ވޯޓު ދިނުމުން މި ސަރުކާރުގެ ފަރާތުން ފެނުނީ މުޅިން އެހެން މަސައްކަތެއް ކަމަށާ، އެހެންކަމުން މި ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރުނު "އަފިރިން އައްޑޫ" މެނިފެސްޓޯ ތަންފީޒުކުރަން އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން އެބަޖެހޭ ކަމަށެވެ.
އަދި މި އިންތިހާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފެށުން ކަމަށްވެސް ހަދަން އެބަޖެހޭ ކަމަށް ވިދާޅުވެ ރައީސް އިބޫ ވިދާޅުވީ، މަޖިލީހުގެ ސުޕަމެޖޯރިޓީ އައްޑޫއިން ވެސް ސަރުކާރަށް ދިންކަމަށާ، އޭގެ ބޭނުމަކީ ވެސް އެއިރު ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި އައްޑޫން ހުށަހެޅި މެނިފެސްޓޯއާ އެއްގޮތަށް އައްޑޫ ސިޓީ ތަރައްގީކުރުން ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން މި ސަރުކާރުން މަސައްކަތް ކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް އިބޫ ރޭ ވިދާޅުވީ، އެކަން އެ ކުރައްވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށްވާނަމަ، މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު އިތުރު ކުރި ވަޒީފާތަކަށް އެކަނި ވެސް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާ، އެ ވަޒީފާތައް މަދުކޮށްލުމުން ވެސް އެތައް ތަނެއް ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
އެހެންކަމުން، ހަމައެކަނި އިތުރު ކުރި މުވައްޒަފުންނަށް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ދެމުން އަންނައިރު، އެ ހަރަދުވަނީ އަހަރެއްްގެ މައްޗަށް 4.8 ބިލިއަން ރުފިޔާ ކަމަށްވާއިރު، އިހުލާސްތެރި ނިޔަތެއްގައި ހަރަދު ކުޑަ ކުރާކަމަށް ވާނަމަ މިކަމަށް ބަދަލު ގެނައުން މާ މުހިންމުކަމަށް ރައީސް އިބޫ ރޭގެ އައްޑޫ ސިޓީ އެމްޑީޕީ ކެމްޕޭނު ޖަލްސާގައި ވިދާޅުވިއެވެ.




