
މިކަމަށްޓަކައި ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެޕް ލޯންޗްކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤް އެވެ.
މިއީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި ދެފުށް ފެންނަ މިންވަރު އިތުރުކުރެވޭނޭހެން ތަރައްގީކޮށްފައިވާ އެޕެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ވެސް މި އެޕްލިކޭޝަން މިހާރު ލިބެން ހުރިއިރު، މިއީ ފުވައްމުލައް ސިޓީ ކައުންސިލްގެ ހިދުމަތްތަކާއި އެ ސިޓީއާ ގުޅޭ މައުލޫމާތު ވަގުތުން ބަލާލެވޭގޮތަށް ފަރުމާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދޭ މަރުކަޒީ ޑިޖިޓަލް ނިޒާމެއް ކަމަށާ، މިއީ ކައުންސިލަކުން މިގޮތަށް ތަރައްގީ ކުރި ފުރަތަމަ އެޕް ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.
"އަފުންސިޓީ" އެޕް ލޯންޗްކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފުވައްމުލައް ސިޓީގައި ކައުންސިލް
"އަފުންސިޓީ" އަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޑިޖިޓަލްކޮށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވާއިރު މި އެޕްލިކޭޝަނަކީ ފުވައްމުލައް ސިޓީ މެނޭޖްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ހިދުމަތުގެ ހަލުވިމިނާއި، ލުއިފަސޭހަކަން އިތުރުކޮށްދޭ މަސައްކަތެއް ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
3,700 އަށްވުރެ ގިނަ ތަންތަން ހިމެނޭ އެ ސިޓީގެ އިންޓަރެކްޓިވް ޗާޓެއް ހިމެނުމަކީ މި އެޕްލިކޭޝަންގެ އެންމެ މުހިންމު އެއް ބަައި ކަމަށް ވާއިރު، އޭގެތެރޭގައި ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ހިދުމަތްދޭ ތަންތަން ވެސް ހިމެނެއެވެ. މި ސިސްޓަމް ފަރުމާކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ވަގުތުން ތަންތަން ހޯދުމާއި މަގު ދެއްކުމާއި އަދި މެޕް ބޭނުންކުރާ ފަރާތަށް ފަސޭހަވާނޭހެން ބަދަލުކުރެވޭ ގޮތަށެވެ.
އަދި ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ގުޅާލެވިފައިވުމުން މި ޕްލެޓްފޯމް އިތުރަށް ފުރިހަމަވެގެންދެއެވެ. އެހެންކަމުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެ، ހިދުމަތްތަކަށް ފަސޭހައިން ވަދެވޭއިރު، ގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެވެސް ބައެއް ހިދުމަތްތައް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ މައުލޫމާތު ވަގުތުން ބަލާލެވޭ ނިޒާމެއް މީގައި ހިމެނެއެވެ. މީގެ ސަބަބުން އުޅަނދު އޮތް ސަރަހައްދާއި، ދަތުރުގެ ހާލަތު ވަގުތުން ބަލާލެވޭނެއެވެ.
އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން، ނަމާދު ވަގުތުތަކާއި، ހުކުރު ތާވަލާއި މިސްކިތްތަކުގެ މައުލޫމާތާއި، އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ އިންތިޒާމު މި އެޕްގައި ހިމެނެއެވެ. އަދި "އައިކިއު އެއާ" މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވުމާއި، ސިއްހީ އިރުޝާދުތައް ލިބުމަކީ ތިމާވެށީގެ ހާލަތަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
"ވަންގަވް" ހިދުމަތާ ގުޅާލެވިފައިވުމުން، ސަރުކާރުގެ އެކި ހިދުމަތްތަކަށް އެދުމާއި އެކަންކަން ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުސަތު ވެސް މި އެޕުން ލިބޭއިރު، އެއާއެކު، އިއުލާންތަކާއި، ކައުންސިލްގެ ނިންމުންތަކާއި، މާލީ ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓުތައް މި ޕްލެޓްފޯމުން ފެންނަން ހުރުމަކީ މުއައްސަސާގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، ހަބަރާއި، ހަރަކާތްތަކުގެ މައުލޫމާތާއި، ވަޒީފާގެ ފުރުސަތުތަކާއި، އަދި ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ފެންނަން ހުރުމަކީ މައުލޫމާތު ފެތުރުމަށާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވާއިރު، އަފުންސިޓީ" އިފްތިތާހުކުރުމަކީ، ޑިޖިޓަލް އީޖާދުތަކުގެ އެހީގައި ސިޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ހެއްކެކެވެ.
މި މަޝްރޫއުގެ ދަށުން، މުހިންމު ހިދުމަތްތަކާއި މައުލޫމާތު ބޭނުންކުރަން ފަސޭހަ އެއް ޕްލެޓްފޯމަކަށް ޖަމާކޮށްދިނުމަކީ، ރާއްޖޭގެ މާހައުލާ ގުޅޭގޮތުން "ސްމާޓް ސިޓީ" ތަރައްގީކުރުމުގައި ނަމޫނާއެއް ދައްކުވައިދޭ ކަމެކެވެ.
އަދި މިއީ ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ފުޅާ މަގުސަދުތަކާ އެއްގޮތްވާ ކަމެއްވެސް މެއެވެ.




