ރައީސް މުއިއްޒު، ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުގައި.-- ފޮޓޯ: ރައީސް އޮފީސް
މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅާނަން: ރައީސް
މަރްޔަމް މުޙައްމަދު 29 މާރޗް 2026 (އާދީއްތަ)   08:17
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅުއްވާނަން ކަމަށާއި، އޭރުން ސަރުކާރުވެސް ހަރުދަނާކޮށް ހިނގައި، އިންތިހާބުތަކުގައި ވޯޓުލާން ނިކުންނަ މީހުން ގިނަވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީ' އިން އިންތިޒާމުކޮށްގެން ރޭ ގެނެސްދިން "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި ރައީސް މުއިއްޒު ވަނީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލާއި، މަޖިލީހުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ވަކި އިންސައްތައެއް ކަނޑައެޅުމަށް ގެންގުޅުއްވާ ވިސްނުމާ ގުޅޭގޮތުން ތަފްސީލު ދެއްވާފަ އެވެ.

ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެންބަރުންގެ މަސައްކަތާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނުވަތަ އިތުބާރު ގެއްލޭ ފަދަ ހާލަތަކަށް ހިނގައްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން މަޖިލީހާއި، ކައުންސިލަރުންގެ ދައުރުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ނަމަ ރީކޯލް ވޯޓަކަށް ހުށަހެޅިދާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ގާނޫނުގައި ހިމަނާ އަދަދަކަށް ސޮއި ހަމަކޮށް ޕެޓިޝަން ހުށަހަޅައި، ރައްޔިތުންނަށް ފެންނަ ގޮތަށް ބަލައި އެ މެންބަރަކު މަގާމުން ދުރު ކުރުވޭނެ ކަމަށެވެ.

"މަޖިލިސް ނުވަތަ ކައުންސިލް މެންބަރުންގެ ޕާފޯމަންސް ދަށްވީ، ނޫނީ ގާނޫނެއްގައި އޮންނާނެ ކަނޑައަޅާފައި… އެކަންކަން އެމީހުންގެ ކިބައިން ދިޔައީ، އެހާ ހިސާބުން ރައްޔިތުންނަށް ލިބޭނެ ކަނޑައެޅިފައިވާ އަދަދަކަށް ސޮއި ހަމަކޮށްގެން ޕެޓިޝަނެއް ހުށަހަޅައިގެން ވަކި އިންސައްތައެއްގެ ވޯޓު ހަމަ ކޮށްގެން މަގާމުން ދުރުކުރުވޭނެ.." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މީގެ ސަބަބުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށް ދާނީ ހަމަހަމަކަމާ އެކު ޖަވާބުދާރީކުރުވޭނެ އުސޫލަކުން ކަމަށެވެ. އަދި އެ އިސްލާހު ހުށަހަޅުއްވާނެ ގޮތަކީ، ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ ވޯޓުން ވަކި ކުރެވޭ ގޮތަށްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ގާނޫނެއްގައި ކަނޑައަޅައި ރައްޔިތުންނަށް ދިނުން، ނުވަތަ ރީކޯލް ވޯޓުގެ ނިޒާމު ހުށަހެޅުމަކީ މި ސަރުކާރުގެ ރިފޯމް ޕެކޭޖްގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ. އޭރުން ދައުރުގެ މެދުތެރޭ މަޖިލީހުގެ އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގަ ބާއްވައިފަ، މަޖިލިސް މެންބަރުން ހޮވަންވީ، ހޮވައިފަ ދައުރުތެރޭގަ އެ ގާނޫނުގަ ކަނޑައަޅާ ޝަރުތުތައް ނުވަތަ އޭގެ ތެރެއިން ކަމެއް އޭނަ ކިބައިން އުނިވީ، އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަލިބޭ އޭނަ ބޭރުކުރަން،" ރައީސް ވިދާޅުވިއެވެ.

ރީކޯލް ވޯޓު ނިޒާމު ހުށަހަޅުއްވާނެކަމަށް ވިދާޅުވި ނަމަވެސް، ސީދާ ހުށަހަޅުއްވާނީ ކޮން އިރަކުކަން މުއިއްޒު ވިދާޅެއް ނުވެއެވެ.

ކޮމެންޓް