
އެމްޑީޕީން މާފަންނުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުން ހިނގަމުންދަނިކޮށް ކަރަންޓް ކަނޑާލުމާ ގުޅިގެން މީޑިއާއަށް ވާހަކަ ދައްކަވަމުން ނިޔާޒް ވަނީ ކުރިއަށް އޮތް އިންތިހާބުތަކަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުންދާކަމަށް ވިދާޅުވެ، އެފަދަ ބައެއް ކަންކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނިޔާޒު ވިދާޅުވީ، މި އިންތިހާބަކީ ދައުލަތުގެ އިދާރާތަކުން ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުކޮށްގެން، އިންސާފުވެރި ނޫން ގޮތަކަށް ބާއްވަން އުޅޭ އިންތިހާބެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް 'ފެންނަ ނުފެންނަ ވޯޓާ' ގުޅޭގޮތުން ހުރި އިންތިޒާމުތަކަކީ އިންސާފުވެރިކޮށް ގެންދެވޭނެ ގޮތަކަށް ހުރި ކަންކަން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމުގައި މިފަހަރު ގެންގުޅުނު އުސޫލާމެދު ކަންބޮޑުވުން ފާޅުކުރައްވައި ނިޔާޒް ވިދާޅުވީ ކުރިން 150 މީހުން ހަމަވުމުން ބޭރުގައި ފޮށި ބަހައްޓަމުން އައި ނަމަވެސް، މިފަހަރު އެ އަދަދު 2,000 އަށް މަތިކޮށްފައިވަނީ ގަސްތުގައި މީހުން ވޯޓުލުމުން މަޙުރޫމު ކުރުމަށް ކަމަށެވެ.
"ރާއްޖޭން ބޭރުގައި އެއްވެސް ވޯޓް ފޮއްޓެއް ނުބަހައްޓާ. މިއީ ގާތްގަނޑަކަށް 12000 ނުވަތަ 15000 މީހުންގެ ވޯޓް ލުމުގެ ހައްގު އެ އުނިވަނީ. ސަބަބެއް ގޮތަށް ބުނެފަ މިއޮތީ އެތަންތާ ރަޖިސްޓްރީ ނުކުރީއޭ. އަޅުގަނޑަކީވެސް އެކޮމިޓީގައި ވަރަށް ޒަމާންވަންދެން އިން މީހެއް. ދުވަހަކުވެސް ރީރެޖިސްޓްރޭޝަންގެ ސީލިން ނުވަތަ ތްރެޝްހޯލްޑް އެހާ މައްޗަކަށް ނުގެންދޭ.. އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖޭން ބޭރުގައި ވޯޓް ފޮއްޓެއް ބެހެއްޓުމަށްޓަކައި 250 މީހުން ވޯޓްލީމައި ރަނގަޅު. ހަގީގައިތުގައި އެއްވެސް މީހަކު ވޯޓްލާން ހުރިއްޔާ ވޯޓްފޮށި ބަހައްޓަންޖެހޭނެ. ރާއްޖޭގެ އެމްބަސީ ހުރި ތަނެއްގައި އެފަދަ ހަރަކާތެއް ހިންގުމުގެ ގާބިލްކަން ދައުލަތުގައި އެބަހުރި. އެތައް ބައިވަރު މުވައްޒަފުންނެއް އެތަންތަނުގައި މަސައްކަތް ކުރޭ." ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، އެއް ކަރުދާހެއްގައި ތިން ވޯޓު ހިމެނޭއިރު، އޭގެ ތެރެއިން އެއްބައި ގޯސްވުމުން މުޅި ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އިލެކްޝަންސް ކޮމިޝަނުން އަމިއްލަ މަޞްލަޙަތަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުގެ ވަޒީފާތަކާއި ފައިސާ ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ނިޔާޒު ވިދާޅުވީ މި މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.




